ޤައުމީ ދާރުލްއާސާރު ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރޭގައި، އެއްވެސް ތަރިކައެއް ނައްތާލާފައި ނުވާނެކަމުގައި ލެންގުއޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ދާރުލްއާސާރު އިތުރަށް ތަރައްގީކުރުމުގެ މަސައްކަތަކީ އެއިމާރާތުގެ އެތެރެއާއި ބޭރު ސަރަޙައްދާ ގުޅިފައިވާ މަސައްކަތްތަކެއް ކަމަށެވެ.
އެގޮތުން، އާސާރުގެ ގޮތުގައި ހިމެނޭ އެތައް އެއްޗެއް ދާރުލްއާސާރު ހުންނަ އިމާރާތުގެ ބޭރުގައިވެސް އާސާރުގެ ގޮތުގައި ދައްކަން ބެހެއްޓިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެ ސަރަޙައްދާއި ދާރުލްއާސާރު ހުންނަ އިމާރާތަށް އިތުރު ތަރައްގީ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ތެރޭގައި، ކުރިން އެތަނުގައި ހުރި ގިނަ ކުނިތަކެއް ނަގައި އުކާލާފައިވާކަމަށް އާދަމް ނަސީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ކުނިކަމަށް ކަނޑައަޅަން ޖެހޭ ތަކެތި އެއީ ނައްތާލަންޖެހޭ ކުނި ކަމަށް ކަނޑައަޅާފައިވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި، އެގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދާއި ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބާވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް މުދާ، ނީލަން ކިޔުމާއި ނައްތައިލުމުގައި އަމަލު ކުރާނެ އުސޫލާއި އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ. ނައްތާލަންޖެހޭ ތަކެތި ނައްތާލާފައިވަނީ ވެސް އެގާނޫނާއި ގަވާއިދާއި އުސޫލާ އެއްގޮތްވާގޮތުގެ މަތީން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ދާރުލްއާސާރުގެ އެތެރެއިން އުކާލި ކުނި ހުރީ އާސާރީ ތަކެތި ހުންނަ ބަޔަކު ނޫންކަމަށާއި، ދާރުލްއާސާރު ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރޭގައި ދާރުލްއާސާރުގައިވާ އެއްވެސް ތަރިކައެއް ނައްތާލާފައި ނުވާކަމުގެ ޔަގީންކަން ކަށަވަރުކުރެވިފައިވާނެ ކަމަށެވެ.