މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ކުރިމަތިލި މީހުންގެ ތެރެއިން 3 މީހަކަށް ރުހުން ދޭން ފެންނަ ކަމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.
މީޑިއާ ކޮމިޝަން އެކުލެވިގެން ވަނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ހޮވާ ތިން މެމްބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުން ނެވެ. ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލުމުން 10 މީހަކު އެ މަގާމަށް ކުރިމަތިލާފައި ވެއެވެ. އޭތެރޭގައި ކުރިން މޯލްޑިވްސް މީޑިއާ ކަައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަން ކުރެއްވި ބައެއް ފަރާތްތަކުންވެސް ހިމެނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ހޯމަ ދުވަހުގެ ޖަލްސާގައި އެމީހުންގެ ނަންތައް އިއުލާނުކުރުމަށްފަހު މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވި އެވެ. ކޮމިޝަނަށް ކުރިމަތިލި 10 މީހުންގެ ތެރެއިން ދެ މީހަކު ވަނީ އިންޓަވިއު މަރުހަލާގެ ކުރިން ނަން އަނބުރާ ގެންގޮސްފަ އެވެ. އެހެންކަމުން ކޮމިޓީން އިންޓަވިއުކުރީ އަށް މީހަކަށެެވެ. އިންޓަވިއުއަށްފަހު 75 އިން މަތިން މާކްސް ދީފައިވަނީ ތިން މީހަކަށެވެ.
ކޮމިޓީން 75 އިން މަތިން މާކްސް ދީފައިވާ ތިން މީހުން:
- މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ސީއެސްސީގެ ކުރީގެ މެމްބަރު، މުހައްމަދު ފަރުސަތު (90.5 ޕަސެންޓް)
- ބްރޯޑްކޮމްގެ ކުރީގެ ރައީސް ސަފާ ޝަފީގު (88.88 ޕަސެންޓް)
- ބްރޯޑްކޮމްގެ ކުރީގެ މެމްބަރު އާމިނަތު ސަރާހަތު އިއްޒަތު (87.88 ޕަސެންޓް)
މި މައްސަލާގައި ވޯޓަށް އެހުމަށް ނިންމާފައިވަނީ މާދަމާގެ ޖަލްސާގަ އެވެ.