ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގައި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލުގެ މަސައްކަތް ކުރިޔަށްދިޔަ އިރު، ކޮމިޓީ ރޫމްގެ މައިކަކަށް ގެއްލުންދިން މައްސަލާގައި ތިން މެމްބަރެއްގެ އަތުން އަގު ނަގަން ނިންމައިފި އެވެ.
މީޑިއާ ބިލުގެ މަސައްކަތް ކުރިޔަށްދިޔައިރު، ކޮމިޓީ ހޫނުވެ، މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް އަމާޒުކޮށް އަޑުގަދަކޮށްފައި ވެއެވެ. އެވަގުތު ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވަނީ މައިކު ކައިރިއަށް ވަޑައިގެން ވާހަކަދައްކަވަން މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން އިމްރާން ލަތީފް އެތަނަށް ވަޑައިގެން މައިކް ދުރައް ޖައްސަވަން މަސައްކަތްކުރެއްވިއެވެ. އެއާއެކު ތޮއްޑޫ ދާއިރާގެ މެމްބަރު ހުސައިން ސަމީރުވެސް މައިކުގައި ހިފަހައްޓަވައި އަނެއް ކޮޅަށް ޖައްސވަަން މަސައްކަތްކުރެއްވި އެވެ. މައިކު ދެކޮޅަށް ދަމަމުންގޮސް، އިމްރާން ވަނީ މައިކް އުފުރާލައްވައި ވައްޓާލާފަ އެވެ.
މި މައްސަލާގައި މިއަދު ބޭއްވި މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ، މައިކަށް ލިބުނު ގެއްލުން އަނބުރާ ހޯދުމަށް، އެވަގުތު މައިކުގައި ހިފާއްޓައިގެން ތިއްބެވި ތިން މެމްބަރުންގެ އަތުން އަގު ނަގަން ނިންމާފައެވެ. އެގޮތަށް ހުށައެޅުއްވީ މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ޝަމީޒެވެ.
މެމްބަރު ޝަމީޒް ހުށައެޅުއްވިގޮތަށް ތިން މެމްބަރުގެ އަތުން އަގު ނެގުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.
މީޑިއާ ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރިޔަށްދިޔައިރު، މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހާޒިރުވި ބައެއް ފަރާތްތަކުންވެސް ވަނީ ބިލާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް އިހުތިޖާޖް ކޮށްފައެވެ. އެހެންކަމުން މަޖިލީހުގެ އިދާރާއިން ވަނީ، މަޖިލީހަށް ހާޒިރުވާ މެހެމާނުން އަމަލުކުރާނެ އުސޫލުތައް މުރާޖާކުރަން ނިންމާފަ އެވެ.