ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އުފައްދާ ތަކެތީގައި ޖަހާ ލޯގޯ ދޫކޮށް ހިނގުމާ ގުޅެގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގެ މަޤަޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލަ މަސައްކަތްކުރުމުގެ ފުރުޞަތު ހުޅުވާލުމާއި، ވަކި އުސޫލެއްގެ ދަށުން މޮނިޓަރ ކުރެވިގެން އެފަރާތްތަކުގެ ވިޔަފާރީގެ ކުރިއެރުމަށް މަގުފަހޮކޮށްދިނުން ކަމަަށް ވުޒާރާއާ އިން ބުނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާ އުފެއްދުމެއްކަން އަންގައިދޭ ޝާމިލް ލޯގޯ ބޭނުންކުރަން ފެށުމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން މަސައްކަތްތެރިކަމާއި، އެފަރާތްތަކުގެ އުފެއްދުންތައް ވިއްކުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެކަމުގެ ފުރުޞަތުތައް ފަހިވެގެންދާނޭ ކަމަށާއި މިގޮތުން ކުރެހުމާއި، އަތްތެރި މަސައްކަތް، ކާބޯތަކެތި އަދި އެހެނިހެން ގިންތީގެ އަމިއްލަ އުފެއްދުންތަކުގައި މިލޯގޯ ބޭނުންކުރުމާއި، މާކެޓަށް މިތަކެތި ވިއްކުމަށް ހުޅުވާލުމަކީ މި ލޯގޯ ތަންފީޒު ކުރުމުގެ މައިގަނޑު އަމާޒެކެވެ.
މި ލޯގޯ ތަންފީޒުކުރާނީ މިނިސްޓްރީއިން އަދި މިނިސްޓްރީގެ ލަފާގެ މަތިން ބިޒްނަސް ސެންޓަރ ކޯޕަރެޝަން ލިމިޓެޑްއެވެ.