ރޭ ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެވަނަ މީހާވެސް މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ބަންޑުން ޖަހާލާފައިވަނީ، މާލޭން ފުރައިގެން ކ އެރިޔަދޫއަށް ދަތުރުކުރަމުންދިޔަ “އަލްމާކް ފިޔަ” ނަކަމަށް ކިޔާ ކޮޅުވެއްޓިއެކެވެ. އެ ކޮޅުވެއްޓިން ހަތް މީހަކު ދަތުރުކުރި އެވެ. ކޮޅުވެއްޓި ބަންޑުން ޖަހާލާފައިވަނީ ރޭ ދަންވަރު އެވެ.
ކޮޅުވެއްޓިން ދަތުރުކުރި މީހުންގެ ތެރެއިން ހަތަރު މީހަކު ސަލާމަތްކޮށްފައިވާއިރު، ހޯދަމުންދިޔަ ތިން މީހުންގެ ތެރެއިން އެކަކު ވަނީ ކަނޑުއަޑިން މިއަދު ހެނދުނު ފެނިފަ އެވެ. ފުލުހުން ބުނީ، އޭނަ ފެނުނުއިރު އޮތީ މަރުވެފައިކަމަށެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ، ގއ ދާންދޫ، ސަރުސޫންގެ، އަހުމަދު ޝިފާން (38އ) އެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ، ގެއްލުނު ތިން މީހުންގެ ތެރެއިން ދެވަނަ މީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ކަނޑުގެ އަޑިން ނަގާފައިވާކަމަށެވެ. އެއީ ބިދޭސީއެކެވެ.
މިހާދިސާގައި ގެއްލުނު ތިންވަނަ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ. އެއީވެސް ބިދޭސީއެކެވެ.