ށ ނަރުދޫއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދެ މައްސަލައަކީ ނަރުދަމާއާއި ބަނދަރުގެ މައްސަލަކަމަށާ، މިކަންކަމަށް އެންމެ އެދެވޭ އަވަސް ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް މި ޔަގީންކަން ދެއްވީ، ށ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނަރުދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވަ އެވެ.
ރައީސް ވިދާޅުވީ، އެންމެ މުހިންމީ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުވެގެން ދިއުންކަމަށެވެ. ފެނަކައިން މިމަސައްކަތް އަލުން ފަށާނެކަމަށާ، އެކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރުވެސް ވަމުންދާކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ނޮވެންބަރު މަހުގެ ތެރޭގައި ބާރު ދުވެލީގައި މިކަން ކުރިއަށްދާނެކަމުގެ ޔަގީންކަން، އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ނަރުދޫގެ ބަނދަރުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ބަލަންޖެހޭ ހުރިހާ ކަންކަމަށް ބެލުމަށްފަހު، ބަނދަރު ބޮޑުކުރެވެން އޮތް އެންމެ ބޮޑަކަށް ބަނދަރު ބޮޑުކުރުމުގެ ހުއްދަ، ކަމާ ބެހޭ މިނިސްޓްރީއަށް ދީފައިވާކަމަށެވެ.
ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަކީ އަދުގެ ސަރުކާރުން އެންމެ އިސްކަންދެއްވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާއިރު ނަރުދޫގެ ރައްޔިތުންނަށްވެސް ރައީސް ވަނީ މިކަމުގެ އުންމީދު އައުކޮށްދެއްވާފައެވެ. އެގޮތުން، ރަށުން އިތުރު ގޯތި ދިނުމަށް ބޭނުންވެގެން ރަށު ކައުންސިލުން ހުށަހައަޅާފައިވާ ކަންކަމަށް ރިއާޔަތްކޮށް، މިނިސްޓްރީން އެ ހުއްދަވެސް ދޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނަރުދޫއަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހިމެނިގެން ގިނަ މަޝްރޫއުތަކެއް މިއަދު ފެށިގެންދިޔައިރު، އޭގެތެރޭގައި އަމަލީ ގޮތުން މަސައްކަތް ފެށި މަޝްރޫއުތަކާއި އެއްބަސްވުމުގައި ސޮއިކުރި މަޝްރޫއުތައް ހިމެނެއެވެ.