ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށްދާ ބިންހިއްކުމުގެ މަޝްރޫއުތައް އަވަސްކުރުމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އިން ތިން ޑްރެޖަރު ގެންނަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، ށ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ކޮމަންޑޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައެވެ.
ރައީސް ވިދާޅުވީ، އެމްއޭސީއެލުން ބިންހިއްކުމުގެ މަޝްރޫއުތައް ކުރިއަށްގެންދަނީ އެރޮނގުން ކުރިއަރާފައިވާ، އެންމެ ފެންވަރު ރަނގަޅު، ބޭރުގެ ދެ ކުންފުންޏަކާއެކު ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުންކަމަށެވެ. އެމަނިކުުފާނު ވިދާޅުވި ގޮތުގައި އެމްއޭސީއެލްއާ ހަވާލުކޮށްފައިވާ ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސްކުރުމަށް ތިން ޑްރެޖަރު ގެންނަން އެކުންފުނިން ވަނީ ނިންމާފަ އެވެ.
އެގޮތުން މިމަސް ނިމޭއިރު ގާތްގަނޑަކަށް 11،000 ޓަނުގެ ޑްރެޖަރެއް ރާއްޖެ ގެނެވޭނެކަމަށާއި، އަންނަ މަހުގެ ތިންވަނަ ހަފުތާގެ ތެރޭގައި 40،000 ޓަނުގެ ޑްރެޖަރެއް ގެންނާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ޑިސެމްބަރު މަހުވެސް ޑްރެޖަރެއް ގެންނާނެކަމަށް ވިދާޅުވިއެވެ.
މިމަހު ގެންނަ ޑްރެޖަރު އެންމެ ފުރަތަމަ ބޭނުންކުރާނީ ތ ވިލުފުށީ ބިންހިއްކުމުގެ މަޝްރޫއުގައިކަމަށް ރައީސް ވިދާޅުވިއެވެ. އަދި40،000 ޓަނުގެ ޑްރެޖަރު އެންމެ ފުރަތަމަ ބޭނުންކުރާނީ ރަސްމާލެ މަޝްރޫއުއަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ޑިސެމްބަރު މަހު ގެންނަ ތިން ވަނަ ޑްރެޖަރާއެކު، ހއ. ދިއްދޫގެ ޕްރޮޖެކްޓު ތިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާނެކަމަށް ވިދާޅުވިއެވެ. އެއަށްފަހު ދެން ފަށާނީ ށ. ކޮމަންޑޫ އެއަރޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ކަމުގައި ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން، ހުޅުމާލޭ ފޭސް 3 އާއި ގިރާވަރުފަޅާއި އުތުރުތިލަފަޅު ހިއްކުމަށް އިތުރު ޑްރެޖަރުތަކެއް ގެނައުމަށް އެހެން ކުންފުންޏަކާއެކުވެސް އެއްބަސްވުމެއް ވެފައިވާ ކަމަށް ރައީސް ހާމަކުރެއްވި އެވެ. ރަށްރަށުގެ ތަރައްގީގެ މަސައްކަތްތައް ކުރިއަށްދަނީ ވަރަށް ބޮޑަށް ރާވައިގެން، ގިނަ އިދާރީ މަސައްކަތްތަކެއް ކޮށްގެން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.