ށ. ފޭދޫގައި މިވަގުތު ކުރަން ހުރި ހުރިހާ ކަމެއްގެ ތެރެއިންވެސް، އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެރަށަށް ތައުލީމީ ދާއިރާއިން ގެންނަންޖެހޭ ތަރައްގީއަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، ފޭދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިއަދު ހެނދުނު ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުުވީ، ފޭދޫ ސްކޫލް ތަރައްގީކުރުމުގެ މަޝްރޫއު މަޑުޖެހިފައި އޮންނަތާ ދެ އަހަރެއްހާ ދުވަސްވެފައިވާއިރު، މިދިޔަ ދުވަސްތަކުގައި ސަރުކާރުން މަސައްކަތްކުރީ މަޝްރޫއު ކުރިއަށް ގެންދެވޭނެ މަގެއް ހޯދުމަށްކަމަށެވެ. ނަމަވެސް އެ ދުވެލީގައި ކުރިއަށް ދިއުމަކީ ގަބޫލުފުޅުކުރައްވާ ގޮތް ނޫން ކަމުގައި ރައީސް ވިދާޅުވިއެވެ. އެހެންކަމުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ބާރު ދުވެލީގައި މިމަސައްކަތް ފަށައި، ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި ކުލާސްރޫމްތައް ތަރައްގީކުރުމުގެ މަސައްކަތް ފަށާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެއިތުރުން، ރަށުގެ ތަރައްގީއަށް ކުރަމުން ގެންދާ އިތުރު މަސައްކަތްތަކުގެ އަދާހަމަ، އެމަނިކުފާނު ވަނީ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން ރައްޔިތުންގެ އެދުމާ އެއްގޮތަށް މޫދަށް އެރޭނެ ސަރަޙައްދެއް ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު ތަރައްގީކުރުމާއި މަގު ހެދުން ފަދަ މަޝްރޫއުތައް ގުޅިލާމެހިފައިވާ ގޮތެއްގައި، ކުރިއަށްގެން ގެންދާނެކަމުގައި ރައީސް ވިދާޅުވި އެވެ.
ފޭދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައެވެ. މި މަޝްރޫއުތަކަކީ ރަށުގެ ރައްޔިތުންނަށް ނުހަނު މުހިންމު މަޝްރޫއުތަކެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ސިއްހީ ދާއިރާގެ ތަރައްގީއަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، ރަށުގެ ސިއްހީ މަރުކަޒުން 24 ގަޑިއިރުގެ ހިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވަމުން ގެންދަވާ ކަމުގައި ރައީސް ވިދާޅުވިއެވެ. މިއާއެކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުވައްޒަފުން ހޯދުމުގެ ކަންކަން ހަމަޖެހި، ހިދުމަތްތައް ފުޅާކުރުމަށްޓަކައި ތަރައްގީކުރަންޖެހޭ އެކްސްޓެންޝަން އިމާރާތުގެ ކަންކަންވެސް ހަމަޖެހިގެންދާނެކަމުގެ ޚަބަރު، އެމަނިކުފާނު ވަނީ ފޭދޫގެ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.