ށ ބިލެތްފަހީގައި ތަރައްގީކުރާ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކައި، ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި މަސައްކަތްތައް ނިންމައި، އެއަރޕޯޓް ހުޅުވައިދެއްވާނެކަމުގެ ޔަގީންކަން، ރައީސް ޑރ މުހައްމަދު މުޢިއްޒު، އެރަށުގެ ރައްޔިތުންނަށް ދެއްވައިފި އެވެ.
ރައީސް މިފަދައިން ޔަގީންކަންދެއްވާފައި މިވަނީ، ބިލެތްފައްސަށްވަޑައިގެން އެރަށުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް އިއްޔެ ބިލެއްފައްސަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، ބިލެތްފަހީ ބިންހިއްކުމާއި އެއަރޕޯޓް ތަރައްގީކޮށް އޮޕަރޭޓްކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފަ އެވެ. އެއާއެކު އިއްޔެ ވަނީ މި މަޝްރޫއުގެ އަމަލީ މަސައްކަތްވެސް ފަށާފަ އެވެ.
ބިލެއްފަހި ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން ރަށާއި ސަރަހައްދީ ފެންވަރުގައި ބޮޑެތި ފައިދާތަކެއް ލިބޭނެކަމަށެވެ. ރައީސް ވިދާޅުވީ، މި މަޝްރޫއުގެ މަސައްކަތް މަޑުޖެހުމެއް ނެތި ކުރިއަށްގެންގޮސް ނިންމަވައިދެއްވާނެކަމަށެވެ.
އެއަރޕޯޓް މަޝްރޫއުގެ އިތުރުންވެސް ރަށުގެ ތަރައްގީއަށް މުހިންމު ކަންތައްތަކެއް ކުރަން ހުރިކަން ރައީސް ފާހަގަކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ކުރިއަށް ނުގޮސް، ހުއްޓިފައި އޮތް ކުނި މެނޭޖު ކުރުމުގެ މަޝްރޫއަށްވެސް ހައްލު ހޯއްދަވައިދެއްވާނެކަމަށެވެ. ތައުލީމީ ދާއިރާގެ ތަރައްގީއަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، މީގެ ކުރިން ތަރައްގީކުރަން ކަނޑައެޅި 4 ކުލާސްރޫމަށް ޢައަދަދު އިތުރުކުރައްވައި، 8 ކުލާސްރޫމާއި މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.