އަންނަ އަހަރު ނިމުމުގެ ކުރިން، ހެލްތް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ސިއްހީ ގޮތުން ހަދަންޖެހޭ ޓެސްޓުތައް ހުރިހާ ރަށެއްގައި ހެދޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، ށ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެއަތޮޅު ނޫމަރާއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ސިއްހީ ދާއިރާއަކީ އެމަނިކުފާނު އެންމެ އިސްކަން ދެއްވައިގެން ތަރައްގީކުރާ އެއް ދާއިރާކަމަށެވެ. އެގޮތުން، އިންސާނީ ވަސީލަތުގެ ގޮތުންނާއި، އުމްރާނީ ގޮތުންވެސް އެދާއިރާއަށް އިސްކަންދީގެން މިހާރުވެސް ކުރިއެރުންތަކެއް ހޯއްދަވަމުން ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުންވެސް، ރަށުގެ ތަރައްގީއަށް އެކި ދާއިރާތަކުން ބޭނުންވާ މުހިންމު މަޝްރޫއުތައް ބާރު ދުވެލީގައި ކުރިއަށްގެންގޮސްދެއްވައި، ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ނޫމަރާގެ ރައްޔިތުންނަށް ދެއްވާފައެވެ. އަދި ރަށުގެ ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދަވާނީ ރައްޔިތުން އެދިވަޑައިގަންނަވާ ކަންކަމަށް ރިއާޔަތްކުރައްވައިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ދޯނި އެހެލާނެ ސަރަޙައްދަކާއި، މޫދަށް އެރޭނެ ސަރަޙައްދެއްވެސް ހަމަޖެހިގެންދާނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ފެނާއި ނަރުދަމާގެ މަސައްކަތްތައްވެސް ވަރަށް ރަނގަޅަށް ކުރިއަށްދާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ނޫމަރާގައި ކުރިއަށްގެންދާނެ ބައެއް މަޝްރޫއުތަކަށްވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން، ކުޅިވަރުގެ ދާއިރާއިން ޒަމާނީ ފުޓުބޯޅަދަނޑަކާއި، ވޮލީކޯޓެއް ތަރައްގީކޮށްދެއްވާނެ ކަމުގެ ޔަގީންކަންދެއްވިއެވެ. އަދި ތައުލީމީ ދާއިރާއިން ސްކޫލަށް ބޭނުންވާ މަލްޓިޕަރޕަސް ހޯލު ތަރައްގީކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.
މީގެ އިތުރުން ނޫމަރާގެ އިންޖީނުގޭގެ މަސައްކަތް ނިންމައި، ރީލޮކޭޓް ކުރުމުގެ މަސައްކަތްތައްވެސް އަންނަ ރަމަޟާން މަހުގެ ކުރިއަށް ނިންމަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިމަސައްކަތް ނިންމުމަށް ފެނަކައަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ސަރުކާރުން ދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. ހަމަމިއާއެކު ރައްޔިތުންގެ އިތުރު ކަންބޮޑުވުމެއްގެ ގޮތުގައި އޮތް އާރްޓީއެލް ރޫޓު ދިގުވުމުގެ މައްސަލައަށްވެސް ހައްލު ހޯއްދަވައިދެއްވާނެކަމުގައި ރައީސް ވިދާޅުވި އެވެ.