ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ދިން ފައިސާއަށް ހިޔާނަތްތެރިވިކަން ސާބިތުވެެ، އެއެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހަތަރު އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
ބައްސާމްގެ މައްޗަށް ދައުވާކޮށްފައިވަނީ، އެފްއޭއެމްގެ އެކިއެކި ކަންކަމަށް ހަރަދުކުރުމަށް 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި 10،000 ޑޮލަރު އޭނަގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލާގަ އެވެ. މި މައްސަލާގައި ބައްސާމްގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ހިޔާނާތުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.
މިއަދު ކްރިނަލް ކޯޓުގައި އޮތީ މި މައްސަލައިގައި ހިޔާނާތުގެ ކުށުގެ ދައުވާއަށް ހުކުމް އިއްވުމުގެ އަޑުއެހުމެވެ.
އަޑުއެހުމުގައި ބައްސާމް ބުނިގޮތުގައި 10.000 ޑޮލަރުގެ މުއާމަލާތަކީ، ޑޮލަރު މާރުކުރުމުގެ މުއާމަލާތެކެވެ. ނަމަވެސް އެ 10،000 ޑޮލަރަށްވާ ދިވެހި ފައިސާ އެފްއޭއެމްއަށް ނުލިބޭ ކަމަށް ދައުލަތުން ބުނެއެވެ.
ދައުލަތުން ބުނީ، ފީފާއިން އެފްއޭއެމަށް ދިން އެ ފައިސާއިން ބޭންކަށް ދައްކަންޖެހޭ ފީތައް ކެނޑުމަށްފަހުން ބައްސާމްގެ އެކައުންޓަށް 9،999 ޑޮލަރު ޖަމާކޮށްފައިވާކަން ލިޔެކިއުންތަކުން އެނގޭކަމަށެވެ. އެހެންކަމުން ހިޔާނާތުގެ ކުށުގެ ހުރިހާ އުންސުރެއް ފުރިހަމަވާތީ ބައްސާމުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. އަދި ބައްސާމް ބޭނުންކުރީ އެފްއޭއެމްގެ ފައިސާކަން ޝައްކުކުރެވޭ ހާލަތެއް އޮތުމުން އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާވަރަށްވެސް ހެކި އެބަހުރިކަމަށް ބުނެފައި ވެއެވެ.
ބައްސާމްގެ މައްޗަށް ހިޔާނާތުގެ ދައުވާ ސާބިތުވެ، ހަތަރު އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވާއިރު، މި މައްސަލާގައި ބައްސާމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ހުކުމް އަދި ނީއްވައެވެ.