އދ. ހަންޏާމީދޫގައި ތިން ފަންގިފިލާގެ އައު ސްކޫލް އިމާރާތެއް ބިނާކުރަން، މޯލްޑިވްސް ޓަރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) އަށް ހަވާލުކޮށްފި އެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ، ރައީސް ޑރ މުހައްމަދު މުއިއްޒު، އދ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ހަންޏާމީދޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ އިސްމާއީލް ޝަފީއު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެެވެ.
މި މަޝަރޫއުގެ ދަށުން، 9،500 އަކަފޫޓުގެ ސަރަހަށްދެއްގައި ތިން ފަންގިފިލާގެ އިމާރާތެއް ބިނާކުރާނެއެވެ. މިއީ 22.63 މިލިއަން ރުފިޔާއަށް 540 ދުވަސްތެރޭ ނިންމަން ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.
ހަންޏާމީދޫ ސްކޫލް މަޝްރޫއުގެ އިތުރުން، ހަންޏާމީދޫ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައި، އެރަށު ވޮލީކޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތްވެސް ވަނީ ފަށާފަ އެވެ.
އެގޮތުން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިޔަށްގެންދާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.
މީގެއިތުރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށްގެންދާ ވޮލީ ކޯޓު މަޝްރޫއު ފައްޓަވައިދެއްވީ، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ. މިމަޝްރޫއުއަކީ ހަތަރު ލައްކަ ރުފިޔާއަށް 120 ދުވަސްތެރޭ ނިންމާގޮތަށް ހަވާލުކޮށްފައިވާ މަޝްރޫއު އެކެވެ.