އދ މާމިގިލީގައ،ި އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަހެއް ތަރައްގީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފި އެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ، ރައީސް އދ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެއަތޮޅު މާމިގިއްޔަށް ވަޑައިގެން އެރަށު ރައްޔިތުުންނަށް ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރެވެ. އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމެވެ.
މާމިގިލީގައި ތަރައްގީކުރާ އައިޔޫއެމް ކެމްޕަހުގައި އިދާރީ އޮފީހަކާއި ލައިބްރަރީއަކާއި ފަސް ކްލާސްރޫމާއި މަލްޓިޕަރޕަސް ސެމިނަރ ހޯލެއް ހިމެނޭނެއެވެ. މީގެ އިތުރުން މި ކެމްޕަހުގައި މުވައްޒަފުންގެ އަކޮމަޑޭޝަން ބްލޮކެއްވެސް ތަރައްގީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އައިޔޫއެމުން ބުނީ، މި މަޝްރޫއުގެ ތެރޭގައި ދަރިވަރުންގެ ދަނާލަކާއި ރެކްރިއޭޝަން ފެސިލިޓީއެއްގެ އިތުރުން ކެންޓީނެއްވެސް ތަރައްގީކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
މިއީ މިއަހަރުގެ ދައުލަތުގެ ބަޖެޓްގެ ޕަބްލިކް ސެކްޓަރ އިންވެސްޓް ޕްރޮގްރާމް، ޕީއެސްއައިޕީގައި ހިމެނިގެން، ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި ކެމްޕަސް ގާއިމުކުރުމަށް 22000 އަކަފޫޓުގެ ބިމެއް މާމިގިލީ ކައުންސިލުން ވަނީ އައިޔޫއެމްއަށް ދީފައެވެ.