ފުލުހުންގެ އޮފިސަރުންނާ މެދު ނަފުރަތު އުފެދޭގޮތާއި، ވަކިވަކި އޮފިސަރުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާގޮތަށް އެެއްވެސް އަމަލެއްކޮށްފިނަމަ، އެޅެން އޮތް އެންމެ ހަރުކަށި ފުޔަވަޅު އަޅާނެކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައި މިވަނީ، މިދިޔަ ހުކުރު ދުވަހު އިދިކޮޅު އެމްޑީޕީން ކުރިޔަށްގެންދިޔަ މުޒާހަރާ ރޫޅާލުމަށް، ބާރު އަޑެއް ފޮނުވާ ޑިވައިސެއްކަމަށްވާ އެލްރެޑް ހިފަހައްޓައިގެން ހުރި އޮފިސަރުގެ ފޮޓޯ އާންމުކޮށް، އެ އޮފިސަރަށް ފާޑުކިޔުން އަމާޒުވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. އެ އޮފިސަރުގެ ފޮޓޮއާއެކު، އޭނަގެ ޒާތީ މައުލޫމާތުތައްވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުކުރަމުންނެވެ.
ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ވަނީ، މުޒާހަރާގައި ހަރަކާތްތެރިވި ވަކިވަކި ފުލުހުންނާއި އެފުލުހުންގެ އާއިލާގެ ބައެއް ފަރާތްތަކުގެ ޒާތީ މައުލޫމާތު ސޯޝަލްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އާންމުކޮށް، ހިންގަމުންދާ އަމަލުތަައް ކުށްވެރިކޮށްފައެވެ.
ފުލުހުން ބުނީ، ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން ވަކިވަކި އޮފިސަރުންނަށް ނިސްބަތްކޮށް، އާންމު ރައްޔިތުންގެ މެދުގައި އޮފިސަރުންނާއި އެއޮފިސަރުންގެ އާއިލާއަށް ނަފްރަތު އުފެދޭގޮތަށާއި އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާގޮތަށް އަމަލުކޮށްފިނަމަ ގާނޫނީ ފިޔަވަޅު އަޅާނެކަމަށެެވެ. އަދި އޭނާއަށް ބިރު ހީވާގޮތަށް އެއްވެސް އަމަލެއް ސޯޝަލް މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ހިންގައިފިނަމަވެސް ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، އޮފިސަރުންގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން ހުއްދަނޫން އެއްވެސް އަމަލެއް ކޮށްފިނަމަ، އެ އަމަލަކާމެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމަށެވެ.
ފުލުހުންގެ އިދާރާއިން ބުނި ގޮތުގައި، ގާނޫނު ހިންގުމަށް ހުރަސް އެޅުމަށް ކުރާ އަމަލަކީ، މާއްދީގޮތުން ހުއްޓުވައިގެން އަދި އެނޫން ގޮތަކުން ހުރަސްތަކެއް ކުރިމަތިކުރުވައިގެން ކުރާ އަމަލަކުން ހުއްޓުވަން މަސައްކަތްކުރިނަމަވެސް، ގާނޫނީގޮތުން ފިޔަވަޅު އެޅޭނެ ކަންކަމެވެ.
އެމްޑީޕީން ހުކުރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާގެ ބައެއް ބައިވެރިން ފުލުހުންނާއި ކުރިމަރިލައި، ގާނޫނާއި ހިލާފުވާން ފެށުމުން ފުލުހުން ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާލިއެވެ. މުޒާހަރާ ރޫޅާލުމުގައި އަމަލުކޮށްފައިވަނީ އެކަން ކުރުމަށް އޮންނަ އުސޫލުގެ ތެރެއިން ފުލުހުން ވަނީ ބުނެފައެވެ.