އދ. ދިގުރަށު ރައްޔިތުންނަށް ގޯތި ދިނުމުގެ މައްސަލަ ހައްލުކުރުމަށް، އެރަށަށް ގޯތި އިތުރުކުރަން ލޭންޑް ޔޫޒް ޕްލޭނަށް ބަދަލު ގެންނަން ސަރުކާރުން އެހީތެރިކަންދޭން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެެވެ.
ރައީސް ވިދާޅުވީ، އދގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދިގުރަށަށް ވަޑަިއގެން އެރަށު ރައްޔިތުންނާ ބައްދަލުުރައްވާ ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ދިގު ރަށުގެ ލޭންޑް ޔޫޒް ޕްލޭނާއި އެކަމަށް ހެދިފައިވާ އުސލަކީ، އެންމެ ފުރިހަމައަށް ހެދިފައިވާ އެއްޗެއް ނޫންކަމަށެވެ. މިހާރު ފާސްކޮށްފައިވާ ލޭންޑް ޔޫޒް ޕްލޭނަށް ގޯތި އިތުރުކުރަން ރައްޔިތުން ބޭނުންވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އިތުރު 50 ގޯތި ދެވޭވަރަށް، ލޭންޑް ޔޫޒް ޕްލޭނާއި އެކަމާގުޅޭ އުސޫލު ހެދުމުގައި ސަރުކާރުން އެހީތެރިކަން ދިނުމަށް ނިންމަވާފައިވާ ކަމަށެވެ.
ރައްޔިތުންނަށް އެންމެ އިންސާފުވެރިކޮށް ގޯތި ދިނުމުގެ ކަންކަން އިއުލާން ކުރެވިގެންދާ ގޮތަށް އުސޫލު ބައްޓަންކޮށް، ހައުސިންގ މިނިސްޓްރީން ކައުންސިލަށް އުސޫލު ފޮނުއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެ އުސޫލު ރައްޔިތުންނަށް ހާމަކޮށް، ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއި އެކު ފައިނަލް ކޮށްދެއްވުމަށް ރައީސް ވަނީ ކައުންސިލްގެ ފަރާތުން އެދިވަޑައިގެންފައެވެ.
ދިގުރަށުގެ ތަރައްގީއަށް ހިންގަން ނިންމާފައިވާ މުހިންމު މަޝްރޫއުތަކަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން، ރަށުގައި މަސައްކަތްކުރާ ބޭރު މުވައްޒަފުން ތިބޭނެ އެކޮމޮޑޭޝަން އިމާރާތެއް އަޅުއްވާނެކަމަށެވެ. މީގެ އިތުރުން އެންމެ ފުރިހަމަ ފުޓުބޯޅަ ދަނޑެއްވެސް އަޅައިދިނުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.