އދ. ދަނގެތީގައި މިހާރު ކުރިޔަށްދާ މަޝްރޫއުތައް ނިމުމުން، އެރަށަށް އުމްރާނީ އަދި އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެެވެ.
ރައީސް މިފަދައިން ވިދާޅުވީ، އދ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި ދަތުުރުފުޅުގައި ދަނގެއްޗަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ބަނދަރާއި، ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމަކީ ގުޅިލާމެހިފައި އޮތް ތިން ކަންތައްކަމަށާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން މި ތިން މަޝްރޫއު ކުރިއަށްގެންދަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި މި ތިން މަޝްރޫއުއަކީ އެރަށުގެ ތަރައްގީއަށް ވަރަށް ބޮޑަށް ހައްލުކުރަން ޖެހިފައި އޮތް ތިން މަސައްކަތްކަމަށެވެ. މި މަޝްރޫއުތައް ކުރިއަށް ގެންދަވާނީ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެންކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވި އެވެ.
މީގެ އިތުރުން، ދަނގެތީގެ ތަރައްގީއަށް ކުރިޔަށްގެންދާ، އަދި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިތުރު ބައެއް މަޝްރޫއުތަކަށް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ.
އެގޮތުން، މިއަދު ސޮއިކުރި ދަނގެތީ ސްކޫލުގެ 10 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫއު ނިމުމުން ދަރިވަރުންނާއި ބެލެނިވެރިން އަދި ޖުމުލަ ގޮތެއްގައި ހުރިހާ އެންމެންނަށްވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި މިމަސައްކަތް ނިމުމުގެ ކުރިންވެސް، ސްކޫލުގެ ކުލާސްރޫމްތަކާއި، މިހާރު ބޭނުންކުރަމުންދާ ހޯލާއި އެނޫންވެސް މުހިންމު ތަންތަން ފިނިކުރުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެކަމުގައި ރައީސް ވިދާޅުވި އެވެ.
ސިއްހީ ދާއިރާ ތަރައްގީކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، ބިން ހަމަޖެހިގެން ދިއުމާއެކު ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ފެށޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި ދަނގެއްޗަކީ ލޯކަލް ޓުއަރިޒަމް ފުޅާވެފައި އޮތް ރަށެއްކަން ފާހަގަކުރައްވައި، 2026 ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި، ޑޮލަރު އޭޓީއެމްގެ ހިދުމަތްވެސް ރަށުގައި ތައާރަފުކޮށްދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.