މިދިޔަ ހުކުރުދުވަހު އެމްޑީޕީން ބޭއްވި އެއްވުމުގައި ފުލުހުން ބޭނުންކުރި، ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސަސް (އެލްރެޑް) އަކީ 2013 ވަަނަ އަހަރުން ފެށިގެން ފުލުހުން ބޭނުންކުރަމުން އަންނަ އެއްޗެއްކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ، އެމްޑީޕީގެ އެއްވުން ރޫޅާލުމަށް އެލްރެޑް ބޭނުންކުރުމުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
މިނިސްޓަރު އިހުސާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެންމެ ފުރަތަމަ މި ޑިވައިސް ބޭނުންކޮށްފައިވަނީ 2013 ވަނަ އަހަރުގައި ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންތަކުގައިކަމަށެވެ. އޭރު މި ޑިވައިސް ބޭނުންކުރީ ފުލުހުންގެ އުޅަނދެއްގައި ހަރުކޮށްގެން ސްޕެޝަލް އޮޕަރެޝަންތަކުގައިކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ އެލްރެޑް 300 އެކްސް މޮޑެލް ކަމަށް އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ، ހުކުރު ދުވަހުގެ ރޭގެ މުޒާހަރާ ރޫޅާލުމަށް ބޭނުންކޮށްފައިވަނީ އެލްރެޑް 100 އެކްސް މޮޑެލް ކަމަށެވެ. މި މޮޑެލް އެންމެ ފުރަތަަމަ ބޭނުންކޮށްފައިވަނީ މިދިޔަ ސަރުކާރުގައި، 2023 ވަނަ އަހަރު މެއި މަހުކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭރު މި ޑިވައިސް ބޭނުންކޮށްފައިވަނީ، މުޒާހަރާއެއް ރޫޅާލުމަށެވެ.
އެލްރެޑްއަކީ 100 އަށްވުރެ ގައުމުގައި ތަންފީޒީ އިދާރާތަކާއި އަސްކަރިއްޔާތަކުން ބޭނުންކުރާ އާލާތެއްކަން އިހުސާން ފާހަގަކުރެއްވިއެވެ. އެގޮތުން، ދުރުރާސްތާގައި މުއާމަލާތްކުރުމަށާއި، އެއްވުންތައް ކޮންޓްރޯލްކޮށް، ބޯޑަރ ސެކިއުރިޓީއާއި، މެރިޓައިމް ސޭފްޓީގައިވެސް މި ޑިވައިސް ބޭނުންކުރާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެމްޑީޕީގެ އެއްވުމުގައި، އެލްރެޑް ބޭނުންކޮށް މުޒާހަރާ ރޫޅާލީ، މުޒާހަރާގެ ބައިވެރިން ގާނޫނާ ހިލާފުވުމުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.