ދަނގެތީ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް އައު އިމާރާތެއް އެޅުމަށް ފަހި ދިިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދަނގެތީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި، މި މަޝްރޫއުގައި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް އެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ދަނގެތީ ސްކޫލުގެ އައު އިމާރަތުގައި މަލްޓިޕަރޕަސް ހޯލަކާއި, 10 ކުލާސްރޫމްގެ އިތުރުން އެހެނިހެން ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދަނގެތީ ސްކޫލް މަޝްރޫއުގެ އިތުރުން، ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ އދ. ދަނގެތީގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށާފައެވެ. މިމަސައްކަތްތައް ކުރިއަށްގެންދަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ހަވާލުކޮށްގެންނެވެ. ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ، ހޯމް މިނިސްޓަރު އަލީ އިހުސާންއާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ އިބްރާހީމް ނަޒީމްއެވެ.
ރައީސްގެ ދަތުރުފުޅުގެ ތެރެއިން ވަނީ، ދަނގެތީގައި އިމާރާތްކުރާ ކައުންސިލް އިދާރާގެ އައު އިމާރާތުގެ އަމަލީ މަސައްކަތްވެސް ފަށާފައެވެ. މި މަސައްކަތް ފައްޓަވައި ދެއްވީ މިނިސްޓަރު އާދަމް ޝަރީފް އުމަރު އެވެ.
އދ. ދަނގެތީ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ މަސައްކަތަކީ، ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތައް އަލުން އެޅުމަށް، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އާރުސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 55 ކައުންސިލް މަޝްރޫއުގައި ހިމެނޭ މަސައްކަތެކެވެ. ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 100 އަށްވުރެ ގިނަ ރަށުގެ ކައުންސިލް އިދާރާގެ އައު އިމާރާތްތައް ތަރައްގީކުރެއްވުމެވެ.