އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ކުރިއަށްގެންދިޔުމަށް ނިންމަވާފައިވާ އާންމު ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތްކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާގޮތަށް ބަދަލު ގެންނަން ބޭނުންވާކަމަށް އައްޑޫ ސިޓީގެ ބައެއް ފަރާތްތަކުން ރައީސްއަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން، އައްޑޫ ސިޓީގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާބެހޭގޮތުން ކުރަންޖެހޭ އިންތިޒާމުތައް ކުރުމަށް ވަޒީރުންގެ މަޖިލީހުން އިއްޔެ ވަނީ ނިންމަވާފައެވެ.
އާންމު ވޯޓުގައި ރައްޔިތުންގެ ހިޔާލު ހޯދަނީ، އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށާއި، އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި، އައްޑޫ ހުޅުމީދޫ ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށެވެ. އެ ރަށްރަށުގެ ރަޖިސްޓްރީގައިވާ ވޯޓުލުމުގެ ހައްގު ލިބިފައިވާ ހުރިހާ ރައްޔިތުންނަށް މި ވޯޓުގައި ބައިވެރިވެވޭނެ އެވެ.
ރައީސް ޑރ މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ވޯޓުގައި ސަރުކާރުން އިހުތިޔާރުކުރާ ވަކި ނަތީޖާއެއް ނެތްކަމަށެވެ. އަދި ރައްޔިތުންގެ އަގުލަބިއްޔަތުން ނިންމާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒުކުރައްވާނޭކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
އައްޑޫ ކައުންސިލާ ގުޅޭ ވޯޓު ކުރިއަށްގެންދިއުމަށް ނިންމަވާފައިވަނީ، މި ހިނގާ އޮކްޓޫބަރު މަހުގެ 24 އަދި 25 ވާ ހަފުތާބަންދުގެ ތެރެއިން ދުވަހެއްގައެވެ.