ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، މުހައްމަދު ރިޒްވީ ހަސަން، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއަށް، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.
ލަންކާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އަރުވާފައިވަނީ، އެކަމަށްޓަކައި މިއަދު މެންދުރު، ރައީސް އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާއި ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި، ބެރުދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރުގެ ތެރޭގައި ހުންނަވައިގެން ހިންގަވާފައެވެ.
ރަސްމިއްޔާތަށް ފަހު، ދެ ބޭފުޅުން ވަނީ، ވިޔަފާރި އާއި އިގްތިސާދާއި، މޫސުމީ ބަދަލުތައް ފަދަ، ދެ ގައުމުން މަސްލަހަތު ހިއްސާކުރާ ކަންކަމާމެދު މަޝްވަރާކުރައްވާފައެވެ. ފަރުދީ ފެންވަރުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާއި، ދެ ގައުމުގެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ އަޒުމުގައި ކުރެވިދާނޭ އިތުރު މަސައްކަތްތަކާ ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ރާއްޖެއާއި ސްރީލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގައެވެ.