މުދައްރިސުން ނެތް މުޖްތަމައެއްގައި ކުރިމަގެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުންދާ މުދައްރިއްސުންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގައި ސާޖިދާ ވިދާޅުވީ، ކޮންމެ މުދައްރިސަކީ ދަރިވަރުންނަށްޓަކައި މަންމައެއް، ބައްޕައެއް، އަދި ބެލެނިވެރިއެއް ކަމަށެވެ. އެއްޖީލުން އަނެއްޖީލަށް އިލްމު ފޯރުކޮށްދީ، ފަންނުތައް ވާރުތަކޮށްދެނީ މުދައްރިސުންކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
ސާޖިދާ ވިދާޅުވީ، މުދައްރިސުން ނެތް މުޖްތަމައެއްގެ ކުރިމަގެއް، ތަހުޒީބެއް، ދިރުމެއް، އުންމީދެއް ނޯންނާނެ ކަމަށެވެ.
“ހެޔޮލަފާ، ހީވާގި މުދައްރިސުންގެ އެހީތެރިކަމާއި ހިދުމަތް އަބަދުމެ ދިވެހިރާއްޖެއަށް ލިބެމުން ދިއުމަށް އެދި ހެޔޮ ދުއާކުރަމުން، ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރަން.” ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ “ރީކާސްޓިން ޓީޗިންގ އޭޒް އަ ކޮލަބޮރޭޓިވް ޕްރޮފެޝަން” އެވެ. މި ޝިއާރުން ދޭހަކޮށްދެނީ އުނގަންނައިދިނުމަކީ ގުޅިގެން ކުރެވޭ މަސައްކަތަކަށް ހެދުމުގެ މުހިންމުކަމެވެ.
މުދައްރިއްސުންގެ ދުވަސް ފާހަގަކުރަނީ 1994 ވަނަ އަހަރުން ފެށިގެންނެވެ.