ގްލޯބަލް ފްލޮޓިއްލާ މޫވްމެންޓްގެ ހުރިހާ ކަމެއްގައި ސަރުކާރުން އެއްބާރުލުން ދެމުންދާކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނެފި އެވެ.
އެއިޑް ކެމްޕެއިން (އައިއޭސީ) އިން ކުރި އިއުލާނެއްގައި ބުނީ، ގްލޯބަލް ފްލޮޓިއްލާ މޫވްމެންޓްގެ ހުރިހާ ކަމެއްގައި ފެށުނީއްސުރެ ދިވެހި ސަރުކާރުގެ ފަރާތުން، ބޭނުންވާ ހުރިހާ އެއްބާރުލުމެއް ދީ ވަރަށް ގާތުން މަސައްކަތް ކުރަމުންދާކަމަށެވެ.
“މިނިސްޓްރީން މިކަން ވަރަށް ގާތުން ބަލަމުން ގެންދާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފަ. އަދި ބައިނަލްއަހުވާމީ މައިދާނުގައި މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މިނިސްޓްރީން މަސައްކަތްކުރާނެކަމުގެ ޔަގީންކަންވެސް ދެއްވާފައިވޭ.” އައިއޭސީން ބުނެފައި ވެއެވެ.
ގްލޯބަލް ސުމޫދު ފްލޮޓިއްލާއަކީ ރާއްޖެ ހިމެނޭހެން 44 ގައުމެއްގެ ރައްޔިތުން އިސްވެ، ޣައްޒާ ހިސާރުން ނައްތާލައި ޣައްޒާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑުމަގުން ދަތުރު ކުރަމުންދާ ބޯޓުތަކެކެވެ. މި ބޯޓުތަކުގައި 500 އަށްވުރެ ގިނަ މީހުން ތިބިއިރު، އެ ގާފިލާއަށް ޔަހޫދީން ހުރަސް އަޅައި އެ ބޯޓުތަކުން ދަތުރުކުރަމުންދިޔަ ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ.