އައްޑޫސިޓީގެ ހަންކެޑެގައި ފަތުރުވެރިކަމުގެ އައު މަޝްރޫއެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ، މި ނިންމެވުމާއެކު ހެންކެޑެ، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅައި، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ކުއްޔަށް ދިނުމަށް 2 ޑިސެންބަރު 2021 ގައި އެކަށައެޅުއްވި ޤަރާރު އުވާލާފައިވާ ކަމަށެވެ.
މިއީ، އައްޑޫސިޓީގެ ހަންކެޑެ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމުގެ މަސައްކަތް އަވަސްކުރުމުގެ މަގުސަދުގައި ނިންމެވި ނިންމެވުމެއްކަމަށް ރައީސް އޮފީހުން ބުންޏެެވެ.
ރައީސްގެ މި ނިންމެވުމާއެކު ފަތުރުވެރިކަމުގެ އައު މަޝްރޫއެއް ހިންގުމަށް އެރަށް މިނިސްޓްރީ އޮފް ޓޫރިޒަމަށް ވަނީ ހަވާލުކޮށްފަ އެވެ. ހެންކެޑެގައި ކުރިއަށްގެންދަން ނިންމާފައިވާ ޓޫރިޒަމްގެ އާ މަޝްރޫއުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއުގެ ބިންގާ މި ސަރުކާރުން އޭޕްރީލް 16، 2024 ގައި އަޅާފައިވެ އެވެ. އެ މަޝްރޫއު ހަވާލުކޮށްފައި އޮތީ ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އެވެ.