މިއަހަރު މާލޭ ސިޓީގައި 3000 ހައުސިން ޔުނިޓްގެ މަޝްރޫއުއެއް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތަރައްގީގެ މާނައިން ބަލާނަމަ އެންމެ ބޮޑު އެެއް ކަމަކީ، ބޯހިޔާވަހިކަންކަމުގަ އެވެ. މި ސަރުކާރުން ބޭނުންވަނީ މާލެ ސަރަހަށްދުގެ އިތުރުން އަތޮޅުތެރޭގައިވެސް ބޯހިޔާވަހިކަން ކަށަވަރުކުރުންކުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމުގެ ދާއިރާއިން އެމަނިކުފާނު ވެވަޑައިގެންވި ހުރިހާ ވައުދުފުތައް ފުއްދެވުމަށް ކުރެވެން ހުރި ހުރިހާކަމެއް ހަމަޖައްސަވަމުން ގެންދަވާކަމަށެވެ. އެގޮތުން ދާދި އަވަހަށް މާލޭ ސިޓީގައި މަދުވެގެން 3000 ހައުސިން ޔުނިޓްގެ މަޝްރޫއުއެއް ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
“މިއީ އަޅުގަނޑުމެންނަށް އިންޑިއާގެ އެލްއޯސީގެ ތެރެއިން އަޅުގަނޑުމެންނަށް ހަމަޖެހިފައި އޮތް، 4000 ހައުސިން ޔުނިޓްގެ އިތުރަށް، އެމަޝްރޫއު އަދި ފެށޭނެ. އެމަޝްރޫއުގެ އިތުރަށް މިއަހަރު ތެރޭގައި އިތުރު 3000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށޭވާހަކަ މި ދެންނެވީ. އިރާދަކުރެއްވިއްޔާ އެކަމަށް ބޭނުންވާ ހުރިހާކަމެއް ނިމެމުން މިހާރު ދަނީ.” ރައީސް ވިދާޅުވި އެވެ.
ރައީސް ވަނ،ީ އެމަނިކުފާނު ވައުދުވެވަޑައިގެންވި ގޮތަށް، ރައްޔިތުންނަށް ލިބިފައި ހުރި ގޯތިތަކާއި ފްލެޓްތައްވެސް ބަދަލެއް ނުގެނެސް ހަވާލުކުރަމުންދާކަން ފާހަގަކުރައްވާފަ އެވެ. އަދި އަލަށް ފެށޭ މަޝްރޫއުތަކުންވެސް މާލެ ސަރަހަށްދާއި، އަތޮޅުތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބޭނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، އެހެނިހެން ދާއިރާތަކުންވެސް ވެވަޑައިގެންނެވި ވައުދުތައްވެސް ފުއްދުމުގެ މަސައްކަތް ފުއްދަވާނެކަމަށް ރައީސް ވިދާޅުވި އެވެ.
“ދެން ހަމަ ހުރި ހުރިހާ ދައިރާއެއްވެސް، ތައުލީމީ ދާއިރާ، ސިއްހީ ދާއިރާ، ކުޅިވަރުގެ ދާއިރާވެސް އިޖުތިމާއީ ހުރިހާ ދާއިރާތަކުންވެސް އިގްތިސޯދީ ހުރިހާ ދާއިރާތަކުންވެސް އަޅުގަނޑުމެން ވީ ވައުދުތައް ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކާއި މަޖިލިސް މެމްބަރުން ގުޅިގެން ކުރާ މަސައްކަތުން ރައްޔިތުންގެ ފުރިހަމަ ސަޕޯޓާއި އެކީގައި އަޅުގަނޑު ވީ ހުރިހާ ވައުދެއް ފުއްދަމުން މިދަނީ. ފުއްދާނަން.” ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، ފައިސާ ޗާޕުނުކޮށް ބޭރުގެ ދަރަންޏާއި، އެތެރޭގެ ދަރަނިތައްވެސް ދައްކަމުންދާނެކަމަށެވެ.
ކޮންގްރެސް ޕާޓީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި އެޕާޓީއާއި ސަރުކާރަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ. އަދި މި ޖަލްސާގެ ތެރެއިން، އެޕާޓީއާއި އަލަށް ގިނަ އަދަދެއްގެ މެމްބަރުން ގުޅިފައި ވެއެވެ.