50 ބުރީގެ އިމާރާތެއް ބިނާކުރުމަށްވުރެ، ގައުމާއި އިސްލާމްދީންދެކެ ލޯބިވާ ޒުވާނެއް ބިނާކުރުން މާ މުހިންމުކަމަށް ރައީސުޖްލުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ، ދިވެހި ވަތަނީ ހިދުމަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި، ރާއްޖޭގެ ތަރައްގީ ފުރިހަމަ ގޮތުގައި ހާސިލްވާނީ ޒުވާނުން ބިނާކޮށް، ގައުމާއި، އިސްލާމްދީންދެކެ ލޯބިވާ، އަހުލާގު ރަނގަޅު އަދި ހުނަރުވެރި ޖީލެއް ބިނާކޮށްގެންކަމަށެވެ. މި ޕްރޮގްރާމް ނިމޭއިރު، ޕްރޮގްރާމުގެ ބައިވެރިން ވެގެންދާނީ، މިހާރަށްވުރެ ބޮޑަށް ގައުމަށް ހިދުމަތްތަކެއް ކުރެވޭ، އަމިއްލަ ހަޔާތް އިތުރަށް ވަރުގަދަކަމާއެކީގައި ކުރިއަށް ގެންދެވޭނެފަދަ ގޮތަކަށް އެމްޕަވަރ ކުރެވިފައިވާ ޒުވާނުންތަކަކަށްކަމަށް ރައީސް ވިދާޅުވި އެެވެ.
“ހަގީގަތުގައި 50 ބުރީގެ އިމާރާތެއް އިމާރާތް ކުރުމަށްވުރެވެސް، ގައުމުދެކެ ލޯބިވާ، އިސްލާމްދީންދެކެ ލޯބިވާ، ފަހުރުވެރި، ހުނަރުވެރި، ޒުވާނެއް ބިނާކުރުމަކީ، މާ މުހިންމު ކަމެއް ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ. އެހެންވީމާ، މިއަދު މި ފެށިގެންދަނީ، ވަރަށް ތާރީހީ މަސައްކަތެއް. ގައުމު ބިނާކުރުމުގެ ވަރަށް މުހިންމު ސަފްހާއެއް މިއަދު މި ފެށިގެންދިޔައީ. އަޅުގަނޑު ހަމަ މި ޔަގީންކަން ދެން، އިރާދަކުރެއްވިއްޔާ ސަރުކާރުން ތިޔަކުދިންނާ ވަރަށް ގާތުން، ވަރަށް ރަނގަޅަށް ކަންތައްތައް ކޮށްދޭނަން. ހަމަ ވަރަށް ހިތްހަމަޖެހިލައިގެން، ވަރަށް އުފަލާއެކީގައި ކުރިއަށްދާންވީ. މި ޓްރޭނިންގ، މި ތަމްރީނު ފުރިހަމަކުރުމަށް.” ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އުންމީދަކީ، ވަތަނީ ހިދުމަތުގެ ފުރަތަމަ ޓްރޭނިން ޕްރޮގްރާމް ފެށި ޒުވާނުންގެ އިތުރުން 5000 ޒުވާނުން ތަމްރީންކުރުންކަމަށެވެ. އެއާއެކު، ރާއްޖޭގެ މުސްތަގުބަލަށް ފުރިހަމަގޮތުގައި ހިދުމަތްކުރާނެ ވަރަށް މުހިންމު ބައިވެރިންތަކެއް ތަމްރީންކުރެވިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ދިވެހި ވަތަނީ ހިދުމަތުގެ މިޝަންގެ ގޮތުގައި ކަނޑައަޅާފައިވަނީ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމެވެ. އިއްޔެ ފެށި ތަމްރީނަކީ، ތިން މަސް ދުވަހުގެ ޕްރޮގްރާމެކެވެ. މި ތަމްރީނުގައި ދިވެހި ގައުމިއްޔަތު، ޒިންމާދާރު ރައްޔިތުކަން، ދިނީ ތައުލީމު، ލީޑަރޝިޕް އަދި ބަހުގެ ޕްރޮފިޝަންސީ އުނގަންނައިދީ، ކަސްރަތާއި ހަށިހެޔޮކަމާއި، ހެވިކަމުގެ ތަމްރީނުތައް ކުރިއަށްގެންދާނެ އެވެ. އަދި ފަސްޓް އެއިޑް، ފަޔަރ ފައިޓިން އަދި ސެލްފް ޑިފެންސްވެސް ދަރިވަރުންނަށް ދަސްކޮށްދޭނެ އެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ތަމްރީނު ކުރަނީ 343 ޒުވާނުންނެވެ. އެގޮތުން، ރާއްޖޭގެ 107 ރަށަކުން، އުމުރުން 16 އަހަރާއި 29 އަހަރުގެ 64 އަންހެން އަދި 279 ފިރިހެން ޒުވާނުން ވަނީ ތަމްރީނަށް ވަނީ ހޮވިފައެވެ.