މާލޭގެ މަގުތަކުން ހަތަރު ފޮރޮޅުލީ ވެހިކަލްތައް ޕާކުކުރަން ކުއްޔަށް ދޫކޮށްފައިވާ ސްލޮޓްތައް ކެންސަލްކޮށް، އެތަންތަނުގައި އާންމުންނަށް ޕާކްކުރެވޭ ގޮތް ހަދައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ހަތަރު ފޮރޮޅުލީ ވެހިކަލް ޕާކިންގއަށް ދޫކޮށްފައިވާ ސަރަޙައްދުތައް ކުއްޔަށް ދިނުމަކީ ގާނޫނީގޮތުން ކުރެވޭނެކަމެއްނޫންކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ލަފާދީފައިވާކަމަށް ބުނެ، އެކަން ޓްރާންސްޕޯޓް މިނިސްޓްރީން އަންގާފައިވާކަމަށެވެ.
އެހެންކަމުން، މިއަދުން ފެށިގެން މާލޭގެ މަގުތަކުގައި، ވަކި ކަމަކަށް ބޭނުންކުރާކަން އަންގައިދިނުމުގެ ގޮތުން، ބޯޑަކުން ފާހަގަކޮށްފައިވާ ތަންތަން ފިޔަވައި، މަގުމަތީގައި ޕާކުކުރެވޭނެކަން އަންގައިދޭ ނިޝާންތަކުން ފާހަގަކޮށްފައިވާ ކޮންމެތަނެއްގައި، ކޮންމެ އާންމު ރައްޔިތަކަށްވެސް ޕާރކް ކުރެވޭނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
މާލޭގެ މަގުތަކުގައި ޕާކުކުރާނެ ޖާގަ މަދުވެ، ޕާކުކުރުމުގެ ހުއްދަ ނޯންނަ ސަރަހަށްދުތަކުގައި ޕާކުކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ. ޕާކިން މައްސަލައަށް ހަލު ހޯދުމަށް މާލޭގެ އެކި ސަރަހަށްދުތަކުގައި އިތުރު ޕާކިން ޒޯންތައްވެސް އަންނަނީ ހަދަމުންނެވެ.