ދެމެހެއްޓެނިވިކަމާއި ވިލުންތެރިކަމާއި ހަމަހަމަކަމާ މެދު ބައިނަލްއަގުވާމީ މައިދާނުގައި އަޑުއުފުލުމުގައި ޗައިނާ ވެފައިވަނީ، ރާއްޖެ އާއި ކުދި ޖަޒީރާ ގައުމުތަކާއެކު މަސައްކަތްކުރާ، ސާބިތު ބައިވެރިއަކަށް ކަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޗައިނާގެ 76 ވަނަ ގައުމީ ދުވަހާއި މިޑް އޯޓަމް ފެސްޓިވަލް ފާހަގަކުރުމަށް ރޭ ބޭއްވި ޖާފަތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވަނީ، ގިނަ ގައުމުތަކުން ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުން ނުވަތަ މަލްޓިލޭޓަރަލިޒަމަށް ޗައިނާއިން ދޭ އަހުމިއްޔަތުކަމާއި، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ހައްގުގައި ޗައިނާއިން އަދާކުރާ ދައުރު ފާހަގަކުރައްވާފައެވެ. ކިތަންމެ ކުޑަ ގައުމެއް ކަމުގައިވިޔަސް ބާކީ ނުވާނޭ ފަދަ ދުނިޔެއެއް ބައްޓަންކުރުމަށް ރާއްޖެއާއެކު ޗައިނާއިން ކުރާ މަސައްކަތުގެ އަގުވަޒަންކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ޗައިނާގެ ތާރީޚު ސިފަކުރައްވާފައިވަނީ، ތަސައްވުރާއި، ހިންމަތްތެރިކަމާއި، އިންސާނީ ގާބިލުކަމުގެ މިންނެތް ރޫހުގެ ރިވާޔަތެއްގެ ގޮތުގައެވެ. ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމުގެ ރަމްޒަކީ ހަމައެކަނި ދެ ގައުމުން ވެފައިވާ އެއްބަސްވުންތައް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، ދެ ގައުމުން ހިއްސާކުރާ ތަޖުރިބާތަކާއި، އެކުގައި ކުރާ ދަތުރުތަކާއި، ދެ ގައުމުގެ ދެމެދު ގާއިމުވެފައިވާ އިހުލާސްތެރި ރަހުމަތްތެރިކަމުގެ ސަބަބުން އުފެދިފައިވާ އިތުބާރަކީވެސް، ދެ ގައުމުގެ ގުޅުން ރަމްޒުކޮށްދޭ ކަންކަން ކަމުގައި ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި، އެއް މުޖުތަމައު އަނެއް މުޖުތަމައާ ގުޅުވައިދޭ ފާލަންތަކާއި، ދިވެހި އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭ ގެދޮރާއި، ޒުވާން ދިވެހި ދަރިވަރުން މުސްތަގުބަލަށް ތައްޔާރުވާން ތިބޭ ކުލާސްރޫމްތަކުންވެސް މި ރަހުމަތްތެރިކަން ފެނިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ޗުއްޓީ ހޭދަކުރާ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިހުތިޔާރުކުރާ ޗައިނާގެ އެތައް ހާސް ރައްޔިތުންގެ އެހީގައި، ފަތުރުވެރިކަމުގެ ސިނާޢަތްވެސް ވެފައިވަނީ، ދެ ގައުމުގެ ގުޅުން ރަމްޒުކޮށްދޭ، ދިރުންހުރި ފާލަމަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.