އަންނަ ހުކުރުދުވަހު އެމްޑީޕީން ބޭއްވުމަށް ނިންމާފައިވާ ސިޔާސީ އެއްވުމުގައި، ކުށްކުރާ ގުރޫޕްތައް ނެރެ ތަންތަނަށް ގެއްލުންދޭން ރާވާފައިވާކަމުގެ މައުލޫމާތު ލިބޭކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގާ އެއްގޮތްވާ ގޮތުގެ މަތީން، ސުލްހަވެރިކަމާއެކު ކުރިޔަށްގެންދާ ހަރަކާތްތަތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި، އެފަދަ ހަރަކާތްތައް ހިންގާ ސަރަހަށްދުތަކުގެ މަގުތަކުގައި ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އޮންތިޒާމުތައް ހަމަޖެއްސުމަކީ ފުލުހުން ވަރަށް އިސްކަމެއް ދީގެން ކުރަމުންގެންދާ ކަމެއް ކަމަށެވެ.
ނަމަވެސް، ފުލުހުން ހުއްދަ ދީފައިވާ ރޫޓާއި ހިލާފަށް، ހުކުރު ދުވަހު ބާއްވަން ނިންމާފައިވާ ހިނގާލުން ކުރިޔަށް ގެންދިޔުމަށާއި އެކި ބައިބަޔަށް ބެހި ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ. މިފަދަ އަމަލުތަކަކީ މާލޭގެ އަމަން އަމާންކަމާއި އާންމު މަސްލަހަތު ގެއްލިދާނެ ކަންކަންކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.
އެހެންކަމުން ސުލްހަވެރި ހަރަކާތެއްގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެހަރަކާތުގައި، ގާނޫނާ ހިލާފު އަދި އަމަން އަމާންކަމަށް ނުރައްކާވެދާނެ އެއްވެސް އަމަލެއް ހިންގުމަށް ހިތްވަރު ނުދިނުމަށް ފުލުހުން ވަނީ ގޮވާލާފައެވެ. އަދި މާލެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން ފުލުރުސަތު ނުދޭނެކަމަށް ބުނެފައި ވެއެވެ.
ފުލުހުން ވަނީ، އެހަރަކާތް ކުރިޔަށްދާއިރު، އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދީ، ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމްކޮށް، މުޖުތަމައުގެ އާންމު މަސްލަހަތަށް އުނިކަމެއް ނާންނާނެ ގޮތަށް ހަރަކާތް ކުރިއަށް ގެންދިއުމަށް އަންގާފައެވެ.