އެކި ސަބަބުތަކާ ހުރެ، މިިދިޔަ އޯގަސްޓް މަހު 129 ބިދޭސީއަކު ޑީޕޯޓުކޮށްލާފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން އިއްޔެ އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޯގަސްޓް މަހު ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ހިމެނެނީ ގަވައިދާ ހިލާފަށް ރާއްޖެއަށް އެތެރެވެފައިވާ 14 ބިދޭސީންނާއި އެކި ކުށްތަކުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 28 ބިދޭސީންގެ އިތުރުން ވިސާއާ ހިލާފުވި 87 ބިދޭސީއެކެވެ.
ޑީޕޯޓް ކުރުމުގެ އިތުރުން ތަފާތު އެކި ސަބަބުތަކާހުރެ އަމިއްލަ ގައުމަށް ދާން ބޭނުންވެފައިތިބި ބިދޭސީންވެސް ވަނީ އެ ގައުމުތަކަށް ފޮނުވާލާފައެވެ. އެގޮތުން ސިއްހީ ސަބަބުތަކާހުރެ 28 މީހަކު ގައުމަށް ފޮނުވާލާފައިވާއިރު އަމިއްލައަށް އެދިގެން 282 ބިދޭސީން ވަނީ ފޮނުވާލާފައެވެ.
އޯގަސްޓް މަހުގެ ތެރޭގައި 25 ތަނެއްގައި ރެއިޑް އޮޕަރޭޝަންތައް ހިންގާފައިވާއިރު، މި އޮޕަރޭޝަންތަކުގައި 26 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ.
އޯގަސްޓް މަހު އިމިގްރޭޝަނުން 11،651 ވޯކް ވިސާ ދޫކުރިއެވެ. ގިނަ ވޯކް ވިސާ ދޫކޮށްފައިވަނީ މާލޭގައި ހުންނަ އިމިގްރޭޝަންގެ އޮފީހުންނެވެ. އެއީ 11،320 ވިސާއެވެ. އަދި ރީޖަނަލް އޮފީސްތަކުން 331 ވޯކް ވިސާ ދޫކޮށްފައި ވެއެވެ.
ވޯކް ވިސާގެ އިތުރުންވެސް ތަފާތު އެކި ބާވަތްތަކުގެ ވިސާ އިމިގްރޭޝަނުން ދޫކުރެއެވެ. އެގޮތުން،
- ވިޔަފާރި ވިސާ 1،150 މީހަކަށް
- ޑިޕެންޑެންޓް ވިސާ 287 މީހަކަށް
- ޚާއްސަ ވިސާ 140 މީހަކަށް
- ސްޓޫޑެންޓް ވިސާ 31 މީހަކަށް
- ސްޕޮންސަރޝިޕް ޑެކްލަރޭޝަން ވިސާ 398 މީހަކަށް
- އެހެނިހެން ބާވަތްތަކުގެ ވިސާ 684 މީހަކަށް