މިިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން 2.2 ބިލިއަން ރުފިޔާއަށް ހިޔާނަތްތެރިވިކަން ހާމަކޮށް ނެރުނު އޮޑިޓް ރިޕޯޓާއި ގުޅިގެން، އެކަމުގައި އިހުމާލުވި މުވައްޒަފުންނަށް ގާނޫނީ ފިޔަވަޅު އަޅަން ނިންމާފައިވާކަމަށް ފެނަކައިން ބުނެފިއެވެ.
އޮޑިޓް ރިޕޯޓްގައިވާގޮތުން، 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް މުދަލާއި ހިދުމަތް ހޯދުމަށް ފެނަކައިން ޖުމްލަ 8.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އޭގެތެރޭގައި، ކުންފުނީގެ އާންމު އޮޕަރޭޝަންތަަކަށް ބޭނުންވާ މުދަލާއި ހިދުމަތް ހޯދުމަށް ކުރި ހަރަދުގެ އިތުރަށް، އެވަގުތަށް މުހިންމު ނޫން ކެޕިޓަލް މަސައްކަތްތަކަށް ބޭނުންވާ މުދަލާއި ހިދުމަތް ހޯދުމުގެ ނަމުގައި ޒިންމާދާރުކަމެއްނެތި އާންމު ބީލަމުގެ އުސޫލުތަކުގެ ބޭރުން އަގު ބޮޑުކޮށް ހަދާފައިވާ އެއްބަސްވުންތަކުގެ ތެރެއިން ކުންފުންޏަށް ބޮޑެތި މާލީ ގެއްލުންވާނެގެން ކުންފުނީގެ ފައިސާ ހޭދަކުރަމުން ގޮސްފައިވާކަށް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.
ފެނަކައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމާއި ގުޅޭގޮތުން އަޅަންޖެހޭ އިސްލާހީ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް މިހާރުވެސް މަސައްކަތް ފަށާފައިވާކަމަށެވެ، އެގޮތުން އެކުންފުނީގެ މުދަލާއި ހިދުމަތް ހޯދުމުގެ އުސޫލުތަކާއި ކުންފުނިން ހިންގާ މަސައްކަތްތައް ކުރިއަށްދާގޮތް ބަލައި އެކަންކަން ބެލެހެއްޓުމުގެ ކަންކަން ކުރިއަށްދާނީ ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށްކަން ކަށަވަރުކުރުމަށްޓަކައި އިތުރު މޮނިޓަރިން ނިޒާމެއް ގާއިމްކުރާނެކަމަށް އެކުންފުނިން ބުންޏެވެ. ފެނަކައިން ބުނީ، ކުންފުނީގެ އޮނިގަނޑު ހަރުދަނާކުރުމަށް ކުރެވެންހުރި ކަންކަން ދެނެގަނެ އެކަންކަންވެސް ކުރިއަށްދާކަމަށެވެ.
ފެނެކައިން ބުނީ، ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ތަކުރާރު ނުވާނެކަން ކަށަވަރުކުރުމަށް، ގާނޫނުތަކާއި ގަވައިދުތަކާއި ހިލާފުވެފައިވާކަން ސާބިތުވާ ނުވަތަ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިވާ ފަރާތްތަކާއި މެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށްް ކަމާގުޅޭ އިދާރާތަކަށް ހުށައަޅާނެކަމަށެވެ.
އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ބައެއް ކަންކަން:
- ކުންފުންޏަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި، ކޭބަލް އަދި ޓްރާންސްފޯމަރު ގަތުމާއި ފެނާއި ނަރުދަމާގެ މަސައްކަތްތަކަށް ބޭނުންވާ ތަކެތި ގަތުމަށް 674 އެއްބަސްވުމެއްގެ ދަށުން 2.2 ބިލިއަން ރުފިޔާ ދޫކުރިއިރު، އޭގެތެރެއިން 439 އެއްބަސްވުން ހެދީ އެކަމަށް އިއުލާންނުކޮށް.
- މަޝްރޫއުތަކުގެ ބޭނުމަށް މުދަލާއި ތަކެތި އެއް ރަށުން އަނެއް ރަަށަށް ފޮނުވުމަށް މާކެޓް އަގުތަކަށްވުރެ އިތުރަށް 47 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވޭ.
- އިންޖީނުގެއާއި އޮފީސް އިމާރާތްކޮށް އެ ތަންތަން އިތުރަށް ތަރައްގީކުރަން ހެދި އެއްބަސްވުންތަކުގެ ތެރެއިން 78 އެއްބަސްވުމެއް ބާތިލްކުރި. އޭގެރެއިން 48 އެއްބަސްވުމެއްގެ ދަށުން އެޑްވާންސް ފައިސާގެ ގޮތުގައި ދޫކުރި 33 މިލިއަން ރުފިޔާގެ ތެރެއިން 22 މިލިއަން ރުފިޔާ ވަނީ ހޯދަންޖެހިފަ.
- މުވައްޒަފުންގެ ކެއުމުގެ ހަރަދަށް ޗާޖްކުރަންޖެހޭ އަގަށްވުރެ އިތުރަށް 14 މިލިއަން ރުފިޔާ ކޮންޓްރެކްޓަރުންނަށް ހަވާލުކޮށްފައިވޭ.
- ތިން އަހަރުތެރޭ އަޑީތެޔޮ ގަންނަން 127 މިލިއަން ރުފިޔާ ހަރަދުކުރި. އޭގެތެރެއިން 111 މިލިއަން ރުފިޔާގެ އަޑީތެޔޮ ގަނެފައިވަނީ، ޕްރޮކިއުމަންޓް ޕޮލިސީއާ ހިލާފަށް، ސިިރިއަސް އެންޓަޕްރައިސަސް ކިޔާ ކުންފުންޏަކާ ހަވާކުކޮށްގެން.
- ކުންފުންޏަށް ބޭނުންވާ ސްޕެއާޕާޓްސް ގަންނަން ތިން އަހަރުތެރޭ 245 މިލިއަން ރުފިޔާ ހަރަދުކޮށްވާއިރު، އޭތެރެއިން 221 މިލިއަން ރުފިޔާގެ ސްޕެއާޕާޓްސް ގަނެފައިވަނީ އުސޫލުން ބޭރުން.
މީގެއިތުރަށްވެސް ފެނަކައިން މިދިޔަ ތިން އަހަރު، ގަވާއިދުތަކާއި އުސޫލުތަކުގެ ބޭރުންު ކޮށްފައިވާ ގިނަ ކަންތައްތަކެއް މި ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.