އަންނަ 2026 ވަނަ އަހަރުގެ ބަޖެޓާއެކު، ބިދޭސީންނާއި ގުޅޭ ތަންތަން ތަންފީޒުކުރުމުގެ މަރުހަލާ އައު އުސްމިންތަކަކަށް ގެންދާނެކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަހުމަދް ފަސީހް ވިދާޅުވެއްޖެއެވެ.
ފަސީހް މިހެން ވިދާޅުވީ، އިމިގްރޭޝަން އިންސައިޓްސްގައި ވާހަކަ ދައްކަވަމުންނެވެ.
ފަސީހް ވިދާޅުވީ، ތަންފީޒު ނުވެ ހުރި ކަންކަން ތަންފީޒުކުރެވެން ފެށުމާއެކު ރާއްޖޭގައި ގަވާއިދާ ހިލާފަށް ނުވަތަ އެއްވެސް ލިޔެކިޔުމެއް ނެތި އުޅެމުން އަންނަ ބިދޭސީން މަދުވާނެކަމަށެވެ.
ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ބިދޭސީން ރާއްޖެ އަންނަނީ ވަރަށް ގިނަ ފައިސާތަކެއް ހަރަދުކޮށްގެންކަން ފާހަގަކުރައްވާ ފަސީހް ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންނަށް މަދުން ނަމަވެސް ދިވެހިން އިހުމާލުވާ މައްސަލަތައް ފާހަގަވެފައިވާ ކަމަށެވެ. ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ފަށާފަވާއިރު މި މަސައްކަތަށް ރަށްރަށުގެ ކައުންސިލްތަކުން ދެމުން އަންނަ އެއްބާރުލުން ފަސީހް ފާހަގަކުރެއްވިއެވެ.
“އެބޭފުޅުން ބައްދަލުކުރައްވަންވެސް ވަޑައިގަންނަވާ. ރަށްރަށުގަ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ވާހަކަ ކައުންސިލްތަކުން ދައްކާ. އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ އައު ބަޖެޓަކާއެކީ އައު އުސްމިންތަކަކަށް ތަންފީޒު ކުރުމުގެ މަރުހަލާގެ ކަންކަން ގެންނާނަން.” ފަސީހް ވިދާޅުވިއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބިދޭސީން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވާ ފަސީހް ވިދާޅުވީ، ހަތް ޒޯނަކަށް ރާއްޖެ ބަހައިގެން އެންފޯސްމަންޓުގެ މަސައްކަތް ފުޅާ ކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށެވެ.
ފަސީހް ވިދާޅުވީ، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަކީ ސިސްޓަމްގެ ތެރެއިން މަސައްކަތް ކުރާ ބަޔަކަށްވުމަކީ ކުރައްވާ ވަރަށް ބޮޑު އުންމީދެއްކަމަށެވެ.
ގްލޯބަލައިޒް ވޯލްޑެއްގަ ބިދޭސީން އަންނާނެ ކަންވެސް އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ. އެހެންވީމަ ބިދޭސީންނަކީ ކުށް މަދު ބަޔަކަށްވެ އަދި އިމިގްރޭޝަނަކީ ރައްޔިތުންގެ ލޯބި ލިބި، އިތުބާރާއެކީ ޚިދުމަތްދޭ މުއައްސަސާއަކަށްވުމަކީ ވަރަށް ބޮޑު އުންމީދެއް” ފަސީހް ވިދާޅުވިއެވެ.
ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން، މިހާތަނަށް 178،982 ބިދޭއެއްގެ މައުލޫމާތު ވަނީ ހޯދާފައެވެ. އަދި ގަވައިދާ ހިލާފަށް އުޅޭ 8000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްލާފައެވެ.
ރާއްޖޭގައި ހަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކަމާ ގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން މަސައްކަތްކުރަން ފެށީ، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.