ޔަހޫދީ އިސްރޭލަށް ހަތިޔާރާއި، މާލީ އެހީތެރިކަން ފޯރުކޮށްދެނީ އިންސާނީ ހައްގުތަކަށް އެންމެ ބޮޑަށް ވަކާލާތުކުރާކަމަށް ދައުވާކުރާ ގައުމުތަކުންކަމަށް ފޮރިން މިނިސްޓަރު ޑރ އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ހަލީލް މިހެން ވިދާޅުވީ، އދ.ގެ 80 ވަނަ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ތަގުރީރުކުރައްވަމުންނެވެ.
ހަލީލް ވިދާޅުވީ، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ގައުމުތަކުން، ފާއިތުވި އަހަރުތަކުގެ ތެރޭގައި ފަލަސްތީނުގައި ހިންގަމުންދިޔަ ގަތުލްއާންމު ނުފެންނަކަމަށް ހަދައިގެން ތިބި ތިބުމަކީ ބޮޑު ލަދެއްކަމަށެވެ.
ފަލަސްތީނުގެ ރައްޔިތުންނަށްވެސް ދިރިހުރުމާއި ރައްކާތެރިކަން ކަށަވަރުވުމުގެ ހަމަހަމަ ހައްގު ލިބިގެންވާކަން ބަލައިގަންނަން އެގައުމުތަކުން ދެކޮޅުކަން، އެގައުމުތަކުގެ ވިސްނުމާއި ސިޔާސަތުން ހާމަވާކަމަށް ހަލީލް ވިދާޅުވިއެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހަމަތައް ވުޖޫދުކުރުމުގެ ފަހަތުގައި ތިބި ގައުމުތައްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އިޒްރޭލުގެ ގަތުލުއާންމު ހުއްޓުވުމަށް ގައުމުތަކުން ނުކުޅެދުމުގެ ސަބަބުން އިޒްރޭލުގެ ހަމަލާތައް ގަތަރާއި ޔަމަނާއި އީރާނަށް ފޯރާނެކަމަށްވެސް ހަލީލް ވަނީ ވިދާޅުވެފައެވެ. މިއީ ކަންކަން އިސްލާހުކުރުން މަޖުބޫރުވެފައިވާކަމަށާއި، އދ ގެ 80 ވަނަ އާންމު މަޖިލިސް ވާންވާނީ އދ ގެ އުސޫލުތަކާއި ހިންގުން ހަރުދަނާވާ މަޖިލީހަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ގާނޫނުތަކާއި ހަމަތައް އަލުން ހަދަންޖެހިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އެއްވެސް ހަމައެއް ލަމައެއް ނެތް ދުނިޔެއެއްގައި ފުރަތަމަ ހުރިހާ ރޯޅިއެއް އަންނާނީ ކުދި ގައުމުތަކަށްކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން ވޭނާއި ކެކުޅުން ތަހައްމަލުކުރަން ޖެހޭނީ ހަމައެކަނި ކުދި ގައުމުތަކެއްނޫންކަމަށާއި ބޮޑެތި ގައުމުތަކަށްވެސް އެއްވެސް ރައްކާތެރިކަމެއް ނޯންނާނެކަމަށް ހަލީލް ވިދާޅުވިއެވެ.