މިިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގައި އަހުމަދު ސައީދު ހުންނެވިއިރު، އެކުންފުނިން ޕްރޮކިއުމަންޓް އުސޫލުތަކާއި ޕީސީބީގެ ގައިޑްލައިންތަކާ ހިލާފަށް އެތައް ކަމެއްކޮށް، ބިިލިއަނުން ކުންފުންޏަށް ގެއްލުން ވެފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓް އޮފީހުން ވަނީ ފެނަކަ ކުންފުނީގެ 2021-2023 ގެ މާލީ މުއާމަލާތްތަކާ ގުޅޭ އޮޑިޓް ރިޕޯޓް މިދިޔަ ބުރާސްފަތި ދުވަހު ނެރެފައެވެ. މި ރިޕޯޓްގައި ވާގޮތުން އެ މުއްދަތުގައި ފެނަކައިން 2.2 ބިލިޔަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނަތްތެރިވެފައި ވެއެވެ.
2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް މުދަލާއި ހިދުމަތް ހޯދުމަށް ފެނަކައިން ޖުމްލަ 8.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އޭގެތެރޭގައި، ކުންފުނީގެ އާންމު އޮޕަރޭޝަންތަަކަށް ބޭނުންވާ މުދަލާއި ހިދުމަތް ހޯދުމަށް ކުރި ހަރަދުގެ އިތުރަށް، އެވަގުތަށް މުހިންމު ނޫން ކެޕިޓަލް މަސައްކަތްތަކަށް ބޭނުންވާ މުދަލާއި ހިދުމަތް ހޯދުމުގެ ނަމުގައި ޒިންމާދާރުކަމެއްނެތި އާންމު ބީލަމުގެ އުސޫލުތަކުގެ ބޭރުން އަގު ބޮޑުކޮށް ހަދާފައިވާ އެއްބަސްވުންތަކުގެ ތެރެއިން ކުންފުންޏަށް ބޮޑެތި މާލީ ގެއްލުންވާނެގެން ކުންފުނީގެ ފައިސާ ހޭދަކުރަމުން ގޮސްފައިވާކަށް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.
އޮޑިޓް ރިޕޯޓްގައި ވާގޮތުން، މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ ގަވައިދާ ހިލާފަށް، 2021 އިން ފެށިގެން 2023 ގެ ނިޔަލަށް ސައީދުއާ އާއިލީ ގުޅުން އޮންނަ ކުންފުނިތަކަށް 92 އެއްބަސްވުމެއްގެ ދަށުން އެކި މަސައްކަތް ހަވާލުކޮށްފައި ވެއެވެ. މި 92 އެއްބަސްވުމުގެ ދަށުން 49،778،099 ރުފިޔާގެ މަސައްކަތް އެ ކުންފުނިތަކާއި ހަވާލުކޮށްފައި ވެއެވެ. އެ ކުންފުނިތަކަށް 2024 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 31،124،418 ރުފިޔާ ދޫކޮށްފައި ވެއެވެ.
2021 އިން 2023 އަށް އެތައް ގެއްލުމެއް:
- ކުންފުންޏަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި، ކޭބަލް އަދި ޓްރާންސްފޯމަރު ގަތުމާއި ފެނާއި ނަރުދަމާގެ މަސައްކަތްތަކަށް ބޭނުންވާ ތަކެތި ގަތުމަށް 674 އެއްބަސްވުމެއްގެ ދަށުން 2.2 ބިލިއަން ރުފިޔާ ދޫކުރިއިރު، އޭގެތެރެއިން 439 އެއްބަސްވުން ހެދީ އެކަމަށް އިއުލާންނުކޮށް.
- މަޝްރޫއުތަކުގެ ބޭނުމަށް މުދަލާއި ތަކެތި އެއް ރަށުން އަނެއް ރަަށަށް ފޮނުވުމަށް މާކެޓް އަގުތަކަށްވުރެ އިތުރަށް 47 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވޭ.
- އިންޖީނުގެއާއި އޮފީސް އިމާރާތްކޮށް އެ ތަންތަން އިތުރަށް ތަރައްގީކުރަން ހެދި އެއްބަސްވުންތަކުގެ ތެރެއިން 78 އެއްބަސްވުމެއް ބާތިލްކުރި. އޭގެރެއިން 48 އެއްބަސްވުމެއްގެ ދަށުން އެޑްވާންސް ފައިސާގެ ގޮތުގައި ދޫކުރި 33 މިލިއަން ރުފިޔާގެ ތެރެއިން 22 މިލިއަން ރުފިޔާ ވަނީ ހޯދަންޖެހިފަ.
- މުވައްޒަފުންގެ ކެއުމުގެ ހަރަދަށް ޗާޖްކުރަންޖެހޭ އަގަށްވުރެ އިތުރަށް 14 މިލިއަން ރުފިޔާ ކޮންޓްރެކްޓަރުންނަށް ހަވާލުކޮށްފައިވޭ.
- ތިން އަހަރުތެރޭ އަޑީތެޔޮ ގަންނަން 127 މިލިއަން ރުފިޔާ ހަރަދުކުރި. އޭގެތެރެއިން 111 މިލިއަން ރުފިޔާގެ އަޑީތެޔޮ ގަނެފައިވަނީ، ޕްރޮކިއުމަންޓް ޕޮލިސީއާ ހިލާފަށް، ސިިރިއަސް އެންޓަޕްރައިސަސް ކިޔާ ކުންފުންޏަކާ ހަވާކުކޮށްގެން.
- ކުންފުންޏަށް ބޭނުންވާ ސްޕެއާޕާޓްސް ގަންނަން ތިން އަހަރުތެރޭ 245 މިލިއަން ރުފިޔާ ހަރަދުކޮށްވާއިރު، އޭތެރެއިން 221 މިލިއަން ރުފިޔާގެ ސްޕެއާޕާޓްސް ގަނެފައިވަނީ އުސޫލުން ބޭރުން.
- ހއ ހޯރަފުށީގައި ހަދަން ފަށާފައިވާ ބްލޮޓިން ޕްލާންޓް ގާއިމްކުރުމުގެ މަޝްރޫއުއަށް ހިނގާނެކަމަށް އަންދާޒާކޮށްފައިވާ އަގަށްވުރެ އިތުރަށް 12 މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ.
- ބްލޮޓިން ޕްލާންޓް ގާއިމްކޮށް އޮޕަރޭޓްކުރުމުގެ މަސައްކަތް 2023 ވަނަ އަހަރު ހުއްޓިފައިވީނަމަވެސް، ބްލޮޓިން އެޕްލާންޓް ހިންގުމަށް 15 ދާއިމީ މުވައްޒަފުން ނަގައި އެކަށީގެންވާ މަސައްކަތެއް ނެތި ގިނަ ދުވަސްތަކެއް ވަންދެން މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ތިން މިލިއަން ރުފިޔާ ދީފައި ވޭ.
މީގެއިތުރަށްވެސް ފެނަކައިން މިދިޔަ ތިން އަހަރު، ގަވާއިދުތަކާއި އުސޫލުތަކުގެ ބޭރުންު ކޮށްފައިވާ ގިނަ ކަންތައްތަކެއް މި ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ. މިދިޔަ ސަރުކާރުގައިވެސް، މިފަދަ ތުހުމަތުތައް ސައީދާއި ފެނަކައިގެ މައްޗަށް ކުރިއެވެ. ނަމަވެސް އޭރު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
މި ރިޕޯޓްގެ ކުރިންވެސް މިފަދަ އެތައް ކަމެއް ފެންމަތިވެ، އޭރުގެ އެމްޑީ ސައީދުއަށް ދައުވާތައްކޮށް ޝަރީއަތްތައް ދަނީ ހިންމުންނެވެ.