ޓިކްޓޮކް ލައިވްތަކުން މަޝްހޫރުވި އައިމިނަތު ފޭޒްލީން، ހުއްދަނެތި ގެއަކަށްވަދެ، މާރާމާރީ ހިންގި މައްސަލާގައި ހައްޔަރުކުރުމުން ކަފާލާތުގެ ދަށުން އޭނަ ދޫކޮށްލަން ކޯޓުން ކަނޑައަޅައިފިއެވެ.
ފޭޒްލީން ހައްޔަރުކޮށްފައިވަނީ، ގދ ތިނަދޫގައި، ހުއްދަ ނުހޯދާއި ގެއަކަށް ވަދެ، އެގޭގައި ކުޑަކުދިންތަކެއް ތިއްބައި ހަޑިހުތުރު ބަހުން ޒުވާބުކޮށް، މާރާމާރީ ހިންގައި އިންޒާރުދިން މައްސަލައެއްގައިކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، ފޭޒްލީން ކޯޓަށް ހާޒިރުކުރުމުން ނިންމީ، 10 ގަޑިއިރު ތެރޭ 10،000 ރުފިޔާ ކޯޓުގައި ބަހައްޓާގޮތަށް ކަފާލާތުގެ ދަށުން ދޫކުރުމަށްކަމަށެވެ. 10 ގަޑިއިރުތެރޭ ފައިސާ ނުބެހެއްޓުނުނަމަ، 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ކަނޑައަޅާފައިވާކަމަށް ފުލުހުން ބުންޏެވެ.
ކަފާލާތަކީ ކޯޓުން ކަނޑައަޅާ ޝަރުތުތަކެއްގެ ދަށުން ނުވަތަ ކޯޓުން ކަނޑައަޅާ އަދަދަކަށް ކޯޓުގައި ފައިސާ ބެހެއްޓުމަށް ފަހު ބަންދުން ދޫކުރާ އުސޫލެވެ. ކަފާލާތުގެ ދަށުން ބަންދުން ދޫކުރިޔަސް ފުރުން މަނާކުރުމާއި ކޯޓުން އަންގާ ގަޑިއަކަށް ހާޒިރުވުމާއި މައްސަލާގައި ހިމެނޭ އެއްވެސް ފަރާތަކާ މުއާމަލާތު ނުކުރުންފަދަ ޝަރުތުތައް ކުރެވޭނެއެވެ.