ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް އެސެޓް ރިކަވަރީ ބިލު، ގާނޫނަކަށް ވާ ދުވަހުން ފެށިގެން، މީގެ ކުރިން ބޮޑެތި ވައްކަންތައް ކޮށްފައިވާ ހުރިހާ އެންމެންގެ ފަހަތުން، ސަރުކާރުގެ އިދާރާތަކުން ވަރަށް ބާރަށް ދާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ތިމަރަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، ސަރުކާރުގެ ފަރާތުން އެސެޓް ރިކަވަރީ ބިލެއް ހުށައެޅީ، މިދިޔަ ދުވަސްތަކުގައި ގަައުމުގައި ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ބަލައި، ނިމޭއިރު، އެ ވައްކަންތަކުގައި ޝާމިލުވާ ފަރާތްތަކުގެ އަތުން ބަދަލު ނެގޭނެ ގޮތެއް ނެތުމުން، އެކަން ބަދަލުކުންކަމަށެވެ.
ރައީސް ވިދާޅުވީ، ކޮރަޕްޝަން ނައްތާލުމަށް މިސަރުކާރު އޮތީ ވަރަށް ވަރުގަދައަށް ތައްޔާރުވެ ކަމަށެވެ. އެގޮތުން މޯލްޑިވްސް 2.0 ގެ ޑިޖިޓައިޒޭޝަން ބިޔަ، ބޮޑު މަޝްރޫއަކީވެސް ކޮރަޕްޝަން ނައްތާލުމުގެ ބޭނުމުގައި ނިޒާމަށް ގެންނަ ބޮޑު ބަދަލެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ކުރިއަށް އޮތްތަނުގައި ކޮރަޕްޝަން ނައްތާލުމަށް ހިންގާ އެންމެ ބޮޑު މަޝްރޫއުކަމަށާ، ވެރިކަން ހިންގުމުގެ ނިޒާމުގެ ކަންކަން ޑިޖިޓަލައިޒް ކުރައްވަނީވެސް ކޮރަޕްޝަން ނައްތާލުމަށްކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ތެރެއިން، ދައުލަތުގެ މާލިއްޔާގެ 2.2 ބިލިއަން ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ މައްސަލަ ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ، ފެނަކައަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ކުންފުނިކަމަށާއި، މިފަދަ ބޮޑު ހިޔާނާތެއް އެކުންފުނީގެ ތެރޭގައި ހިނގުމަކީ ވަރަށް ހިތާމަހުރި ކަމެއްކަމަށެވެ. މިކަމުގައި ދިވެހި ފުލުހުންގެ އިދާރާއިން ކުރަންޖެހޭ ކަންކަން ކުރަން ފަށާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުމެންނަށް ފެނިގެންދިޔަ ފެނަކައިގެ މައްސަަލަ. އެއީ ހުރިހާ ރަށެއްގައި އޮތް ކުންފުންޏެއް. މި ކުންފުންޏަށް ހަދާފަ އޮތީ ވަރަށް ހިތާމަވެރި ގޮތެއް. އޭގަ އެއޮތީ އެތައް ސަތޭކަ މިލިޔަން ރުފިޔާގެ ވައްކަން ކޮށްފައިވާކަމަށް. މި މައްސަލަ ފުލުހުންގެ އިދާރާއިން މިހާރު ވަނީ ތަހުގީގު ކުރަން ފަށާފަ. އަންގައިފިން އޭސީސީއަށް އަދި ޕީޖީ އޮފީހަށްވެސް މި މައްސަލަ އަވަހަށް ތަހުގީގުކުރަން.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކޮރަޕްޝަން ނައްތާލުމަށްޓަކައި ކުރަންޖެހިވަޑައިގެންނެވި ކޮންމެ ކަމެއްވެސް ކުރައްވާނެކަމަށެވެ. އެކަމުގައި ވަކި މީހަކަށް ނުބައްލަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ކޮންމެ މީހަކާއި މެދުވެސް އަމަލުކުރައްވާނީ އެކަމެއްގައި އޮންނަ އެންމެ އަދުލުވެރި ގޮތަށް ކަމަށާ، ސިޔާސީ މަސައްކަތްތައް ކުރުމަށްވެސް ރާއްޖޭގައި މިހާރު ފުރިހަމަ މިނިވަންކަން ދީފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.