ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ޓޫރިޒަމް މިިނިސްޓަރު ތާރިގް އިބްރާހީމް ގޮވާލައްވައިފިއެވެ.
މިނިސްޓަރު ތާރިގް މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ފޮނުއްވި ވީޑިއޯ މެސެޖެއްގައެވެ.
މި އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ތީމަކީ ‘ފަތުރުވެރިކަމާއި ދެމެހެއްޓެނިވި ބަދަލުތައް’ މިއެވެ. ތާރިގް ވިދާޅުވީ، މި ތީމުން ހަނދާންކޮށްދެނީ، ފަތުރުވެރިކަމަކީ އިޖުތިމާއީ އަދި އިގްތިސޯދީ ކުރިއެރުމާއި ދެމެހެއްޓެނިވި ތަރައްގީއަށް ވަރަށް މުހިންމު ދައުރެއް އަދާކުރެވޭނެކަމެއްކަން ކަމަށެވެ. ރާއްޖޭގެ އިގްތިސާދުގައި ފަތުރުވެރިކަމުގެ ދައުރު ބޮޑުކަމުން، އިދާއިރާއިން ލިބޭ ފައިދާ އެންމެންނަށް ލިބިގެންދިއުމަކީ ވަރަށް މުހިންމު ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ތާރިގް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ފައިދާ އެންމެންނަށް ލިބިގެންދާނެކަން ކަށަވަރުކުރުމަށާއި، ފަތުރުވެރިކަމުގެ ސިނާއާތަކީ ދެމެހެއްޓެނިވި އަދި ހަރުދަނާ ސިނާއަތަކަށް ހެދުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށެވެ. އެކަމަށްޓަކައި ދައުލަތާއި، އަމިއްލަ ކުންފުނިތަކާއި، ރައްޔިތުންގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވާކަމަށާއި، ދެމެހެއްޓެނިވި ގޮތަކަށް ފަތުރުވެރިކަން ކުރިއެރުވުމަކީ ރާއްޖޭގެ އާދަކާދަތަކާއި ތިމާވެށި ހިމާޔަތްކުރުމަށްވެސް މަގުފަހިކޮށްދޭނެ ކަމެއްކަމަށް ތާރިގް ވިދާޅުވިއެވެ.
“މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހު، ރާއްޖޭގެ ގިރާތަކުގެ ރީތިކަމުގެ ހެކިދެމުންދާއިރު، ގުދުރަތީ މި ރީތިކަން އަންނަން އޮތް ޖީލުތަކަށްޓަކައި ރައްކާތެރިކުރުމުގެ މުހިންމުކަން ވަރަށް ބޮޑަށް ހަނދާންކޮށްދޭ. ދެމެހެއްޓެނިވި ގޮތަކަށް ކުރިއެރުވުމުން ނޫނީ، މިފަދަ ރީތިކަން ދިރިހުރުމަކީ އުނދަގޫ ކަމެއް” މިނިސްޓަރު ތާރިގް ވިދާޅުވިއެެވެ.
ބައިނަލްއަގުވާމީ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރު ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާ 1.6 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު މިއަހަރު އެކި ހައުމުތަކަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު 3-5 އިންސައްތަ އިތުރުވާނެ ކަމަށް ލަފާ ކުރާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ތާރިގް ވިދާޅުވީ، މި ކުރިއެރުން މިއަދު ރާއްޖެއިންވެސް ފެންނަމުންދާ ކަމަށާއި ފާއިތުވި އަހަރުތަކުގައި ރާއްޖޭން ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމާއެކު ވެށި ހިމާޔަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.