ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މާލެ ވަޑައިގަންނަވައިފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާފައިވެއެވެ. އަދި އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީޢަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވޭ ވަފުދެއް މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ވަފުދުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މައުލޫމާތު ފޯރުކޮށްދެއްވާފައެވެ.
މިދަތުރުފުޅުގައި ރައީސް ވަޑައިގެންނެވި އަތޮޅުތަކުގެ އެކި ރަށްރަށުގައި، ތަރައްގީގެ އެކި މަޝްރޫއުތަކާއި މަސައްކަތްތައް ފައްޓަވައި، ބައެއް މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކުރައްވާފައެވެ. އެގޮތުން، ރައީސްގެ މިދަތުރުފުޅުގައި، ބައެއް ރަށްރަށުގައި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރެއްވުމުގެ ގޮތުން، އާރްޓީއެލް ފެރީ ނިޒާމުގެ ހިދުމަތް ފެއްޓެވުމާއި، ވައިގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުތައް ފެއްޓެވުން ހިމެނެއެވެ. މީގެއިތުރުން، ހަތަރު އަތޮޅުގެ ބައެއް ރަށްރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ހިދުމަތް އެމަނިކުފާނު ވަނީ ފައްޓަވައިދެއްވާފައެވެ.
ރައީސްގެ މިދަތުރުފުޅުގައި އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވި ރަށްތަކާއިއެކު، އެމަނިކުފާނު މިދަތުރުފުޅުގައި ވަޑައިގެންނެވި ހަތަރު އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު ވަނީ އޭޓީއެމްގެ ހިދުމަތް ފެށިފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތާއި ގުޅޭ ބައެއް މަޝްރޫއުތަކާއި، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި، ތައުލީމާއި، ސިއްހަތާއި، ހަށިހެޔޮކަމާ ގުޅުންހުރި މަސައްކަތްތަކާއި، މަސްވެރިކަމާއި އަދި ދަނޑުވެރިކަމުގެ އިގްތިސާދު ފުޅާކުރުމާގުޅޭ މުހިންމު ނިންމެވުންތައް ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި މުޅި ރާއްޖޭގެ ސިއްހީ ދާއިރާގެ ބިނާރު ތަރައްގީކުރެއްވުމަށް، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ކުރެއްވުމަށް ނިންމަވާފައިވާ މުހިންމު މަސައްކަތްތަކާއި، ބޭންކިންގ ގެ ދާއިރާއިން ރާއްޖޭގެ އިގްތިސާދަށް އަދި އާންމު ފަރުދުންނަށް ފައިދާކުރާނެ މުހިންމު ނިންމެވުންތަކެއް ވަނީ އިއުލާންކުރައްވާފައެވެ.