ރާއްޖެ އާއި އަޒަރުބައިޖާންއާ ދެމެދު ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް، ދިވެހިންނަށް އޯރޑިނަރީ ޕާސްޕޯޓުގައި ވިސާ އާނުލައި އަޒަރުބައިޖާންއަށް ދަތުރުކުރެވޭގޮތަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިކަމުގެ މަޝްވަރާތައް ކުރީ، ޗައިނާގެ ޓިއަންޖިން ގައި ބޭއްވި އެސްސީއޯ ސަމިޓްގެ ހާވާސާގައި ދެ ގައުމުގެ ރައީސުން ކުރެއްވި ބައްދަލުވުމުގެ ތެރެއިންނެވެ.
ނިއު ޔޯކް ގައި މިހާރު ކުރިއަށްދާ 80 ވަނަ އދ. ގެ އާންމު މަޖިލީހު ގެ ހަވާސާގައި ބޭއްވި ދެ ގައުމުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ކުރިން ވިސާ އެގްޒެމްޝަން އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް އެވެ. އަޒަރުބައިޖާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ހާރިޖީ ވަޒީރު ޖޭހުން ބައިރަމޯވް އެވެ.
މި އެއްބަސްވުމާއެކު، ވިސާ އާނުލައި އަޒަރުބައިޖާން އަށް އެތެރެވުމާއި، ޓްރާންޒިޓްވުން އަދި 90 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ހުރުމުގެ ހުއްދަ ދިވެހީންނަށް ލިބިގެންދާނެއެވެ.
ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓުގައިވެސް ވިސާ އާނުލައި އަޒަރުބައިޖާނަށް ދަތުރުފަތުރު ކުރުމާގުޅޭ އެއްބަސްވުމެއްގައި 2024 ވަނަ އަހަރުވެސް ސޮއިކުރިއެވެ.