އަތުން ހިފޭ ތަރައްގީ ހޯދާއިރު، އަތުން ނުހިފޭ ތަރައްގީއަށްވެސް އެވަރުގެ ސަމާލުކަމެއް ދޭން ޖެހޭ ކަމަށާ، އެއީ އަޅުގަނޑުމެންގެ އުޅުމާއި، ގުޅުމާއި، އަހްލާގުގެ ތަރައްގީކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ތ. ވޭމަންޑޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މިދިޔަ ދުވަސްތަކުގައި އެކުވެރި، އެއްބައެއްގެ ގޮތުގައި ދިވެހިންނަށް އުޅެވިފައި އޮތީ އިސްލާމްދީނުގެ ސަބަބުންކަމަށެވެ. އެހެންކަމުން ކާބަފައިންނާ އަބުތާލުންގެ ޖިހާދުން މިއަދާ ހަމައަށް ގެނެސްދީފައިވާ އިސްލާމްދީން، ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަޒުމަކަށް ހަދަންޖެހޭކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެކަން ވާންއޮތީ ސިކުނޑިތައް ހެޔޮގޮތުގައި ތަރައްގީކޮށްގެންކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ތަރައްގީގެ ލިސްޓުގައި ހުރި ކިތަންމެކަމެއްވެސް ކުރެވިދާނެކަމަށާ، ނަމަވެސް އަމިއްލަ ވިސްނުން ހެޔޮގޮތުގައި ބައްޓަންނުކުރާކަމުގައިވާނަމަ އެކަމުގެ ބޭނުމެއް ނެތްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ، އަޅުގަނޑުމެންގެ ހިތާ ސިކުނޑީގައި އިސްލާމްދީނުގެ ބިންވަޅު ނެގެންޖެހޭ ކަމަށާ، މި ގައުމަށް ލިބިފައިވާ އެންމެ ބޮޑު ފަހުރަކީ އިސްލާމްދީންކަމުގައި ގަބޫލުކޮށް، އިސްލާމްދީނަށް ނަސްރުދީ، އަންނަން އޮތް ޖީލުތަކަށް އިސްލާމްދީން ފޯރުކޮށްދިނުމަށް އަޒުމުކަނޑައެޅުމަށް އިލްތިމާސްކުރައްވާފައެވެ.
މީގެއިތުރުން އިސްލާމްދީނަށް ނަސްރުދިނުމަކީ އެމަނިކުފާނުގެ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމުގައި ފާހަގަކުރެއްވިއެވެ. އެރޮނގުން، ރައްޔިތުންގެ އެއްބާރުލުމާއެކު ގިނަ މަސައްކަތްތަކެއް، މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވިފައިވާކަންވެސް އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ،ޒަމާނަށް ފެތޭގޮތަށް، ވަރުގަދައަށް އިސްލާމްދީން އުނގަންނައިދެއްވަން ބޭނުންފުޅުވާކަމަށާ، އެގޮތުން އިސްލާމީ ޔުނިވަރސިޓީގެ ގޮފިތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުޅުވި، ގުރުއާންގެ ދާއިރާ ކުރިއެރުވުމަށްޓަކައިވެސް މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް ރައީސް ވިދާޅުވިއެވެ.