އުންމަތުގެ ދިފާއުގައި އިސްނަގާ ގައުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރާއްޖެ އިސްލާމުވި ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.
ރައީސްގެ ހިތާބުގައި ވިދާޅުވީ، މި މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށް، މުޅި ރާއްޖޭގައި އިސްލާމީ އަދި ގައުމީ ރޫހު އާލާވާނެ، އަދި ރައްޔިތުންގެ ބަދަހިކަން އިތުރުކޮށްދޭނެ އެތައް ހަރަކާތެއް ސަރުކާރުން ހިންގުމަށް ގަސްދުކުރައްވާކަމަށެވެ.
ރައީސް ވިދާޅުވީ، ގައުމުގެ ކަންކަން ހެޔޮ މަގުން ހިންގުމުގައި ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ، ގައުމަށް އުމްރާނީ ތަރައްގީ ގެންނަ ފަދައިން، ލަފާދާރު ދިވެހި ރައްޔިތެއް ބިނާކުރުމާއި ތައުލީމާއި ތަރުބިއްޔަތު، ދަރީންނަށް ދިނުމަށް ކަމަށެވެ. އަދި އެކަކު އަނެކަކާ ރީތި ބަހުން މުހާތަބުކުރާ، ދީނަށް ލޯބިކުރާ، އެއްބައިވަންތަ ގައުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށްވެސް ސަރުކާރުން މަސައްކަތް ކުރާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“މި ވޭތުވި ނުވަ ގަރުނުގެ ތެރޭ، ދިވެހީންނާމެދު އެކި ދިރާސާތައް ކުރެއްވި ބޭރުގެ މުއައްރިހުން އެއްބަސްވާ އެއް ހަގީގަތަކީ، ދިވެހީންނަކީ މެހުމާނުންނަށް ކަމޭހިތާ، އަމާންކަމާއި ހަމަޖެހުން ނަގަހައްޓާ، ސާފުތާހިރު، އުޅުންހުރި، ގޮތްހުރި ބައެއްކަމެވެ. ރާއްޖޭގެ ރީތިކަން އެތައް ގުނައަކަށް ބަބުޅާ ވިދަނީ، އަދި ރާއްޖޭގެ ހިތްގައިމުކަން ދެވަނައެއް ނެތް މިސާލެއްގެ ގޮތުގައި ދުނިޔެއަށް ފެންނަނީ، ދިވެހީންގެ ކިބައިގައި ޒަމާނުއްސުރެ އަށަގެންފައިވާ އިސްލާމީ އަހުލާގުގެ މި ދެންނެވި ރީތި ސިފަތަކާވެސް އެކުއެވެ.” ރައީސްގެ ހިތާބުގައި ވެއެވެ.
ރައީސް ވަނީ، އިސްލާމީ ވަރުގަދަ ދައުލަތެއްގެ ގޮތުގައި އަދި އުންމަތުގެ ދިފާއުގައި އިސްނަގާ ގައުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރާއްޖެ އިސްލާމުވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ހިޖުރީ ސަނަތުން ކޮންމެ ރަބީއުލްއާޚިރު މަހެއްގެ ދެވަނަ ދުވަހެވެ.