ތ. ބުރުނީ ޒުވާނުން ބޭނުންވާގޮތަށް އެރަށުގައި ފަރުމަސްވެރިކަން ކުރުމަށް ފާލަމެއް ހަދައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ތ. ބުރުންޏަށް ވަޑައިގެން އެ ރަށުގެ އިސްވެރިންނާއި، ރައްޔިތުންނާއެކު ކުރިއަށް ގެންދެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި މަޝްވަރާ ބައްދަލުކުރެއްވުމުގައި ރަށުގެ ކައުންސިލާއި، އެކި މުއައްސަސާތަކުގެ މެންބަރުންނާއި މަންދޫބުންގެ އިތުރުން ރައްޔިތުންގެ ފަރާތުން ސަރުކާރަށް ހިޔާލު ހުށަހަޅުއްވައި، ރަށަށް އެންމެ ބޭނުންވެފައިވާ ކަންކަމުގެ މައުލޫމާތާއި ޝުއޫރުތައް ހިއްސާކުރައްވާފައިވެއެވެ.
މި މަޝްވަރާ ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ، 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުންވައިގެން އެރަށުގައި 30 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. މީގެއިތުރުން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ކުރިއަށްގެންދާ މަޝްރޫއު، މިހާރު ކުރިއަށްގެންދަން ނިންމާފައިވަނީ، ރަށުގެ ޒުވާނުންގެ އެދުމުގެ މަތިން، ފަރުމަސްވެރިކަން ކުރުމަށް ފާލަމެއް ހިމަނައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ރަށުގެ އުމުރާނީ ތަރައްގީއާއި، ތައުލީމާއި ސިއްހީ އަދި ގެދޮރުވެރިކަމުގެ ދާއިރާއިން ބުރުނީގައި ކުރިއަށްގެންދަން ހުރި މަޝްރޫއުތަކުގެ މަސައްކަތް ރޭވިފައިވާ ގޮތަށް، އަދި ރައްޔިތުންގެ ހިޔާލާއި އެއްގޮތަށް ކުރިއަށްގެންގޮސްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ މަޝްވަރާ ބައްދަލުވުމުގައި، ބުރުނީ އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ހަވާލުކޮށްފައެވެ.