މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމްގެ ތެރެއިން ޕްރައިމަރީ، ދިވެހި އަދި އިސްލާމް މާއްދާ އިން ޓީޗިން ހަދާ ފަރާތްތަކަށް ސްޓައިޕެންޑް ދިނުމަށް ހުޅުވާލައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ޔުނިވަރސިޓީ އަދި ކޮލެޖްތަކުގައި، ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް މަހަކު 1،500 ރުފިޔާގެ ސްޓައިޕެންޑް ލިބޭނެއެވެ. މި ސްޓައިޕެންޑް ދިނުމުގައި ހާއްސަކޮށް ޕްރައިމަރީ ގްރޭޑްތަކަށާއި، އިސްލާމް އަދި ދިވެހި މާއްދާ ކިޔަވައިދޭނެ މުދައްރިސުން ލިބުން ދަތި ރަށްރަށުގެ ސްކޫލްތަކުގައި ވަޒީފާ އަދާކުރަން އެއްބަސްވާ ފަރާތްތަކަށް އިސްކަން ދޭނެކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މި ފުރުސަތަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި:
• ދިވެހިރާއްޖޭގެ ޔުނިވަރސިޓީ ނުވަތަ ކޮލެޖެއްގައި އެންރޯލްވެ ކިޔަވަމުންދާ ފަރާތެއްކަމުގައިވުން.
• ޕްރައިމަރީ، އިސްލާމް ނުވަތަ ދިވެހި މާއްދާ ކިޔަވައިދިނުމަށް ތަމްރީންވާ ކޯހަކަށްވުން.
• ކޯހުގެ ކިޔެވުން ފަށާފައިވަނީ 1 ޖެނުއަރީ 2025 ގެ ފަހުން ކަމުގައިވުން.
• އުމުރުން 40 އަހަރަށް ވުރެން ދޮށީ މީހަކަށް ނުވުން.
މި ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް 2 އޮކްޓޫބަރުގެ ކުރިން ގޫގުލް ފޯމް ލިންކް މެދުވެރިކޮށް އެޕްލިކޭޝަން ހުށައެޅޭނެކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމަކީ ގްލޯބަލް ޕާޓްނަޝިޕް ފޮރ އެޑިޔުކޭޝަންގެ މާލީ އެހީއާއެކު މިނިސްޓްރީގައި ގާއިމުކޮށްފައިވާ “ތައުލީމަށް އިންގިލާބީ ބަދަލު (ތައިބަ)” ޕްރޮޖެކްޓްގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ކުރިއަށްގެންދަނީ މިނިސްޓްރީއާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އަދި ވިލާ ކޮލެޖް ގުޅިގެންނެވެ.
ދިވެހިރާއްޖޭގެ ސްކޫލުތަކުގައި މަސައްކަތްކުރައްވާ މުދައްރިސުންނަކީ ދޭސީ މުދައްރިސުންނަށް ހެދުމަށްޓަކައި ގައުމީ ފެންވަރުގައި މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.