އަންނަ އަހަރު މ. ކޮޅުފުށީގައ 100 ހައުސިން ޔުނިޓް އަޅައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ކޮޅުފުއްޓަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރަށުގައި ތަރައްގީކޮށް ނިމިފައިވާ ހައުސިންގް ޔުނިޓްތައް ބޭނުންކުރަން ފެށުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިތުރު ހިދުމަތްތައް ފުރިހަމަކޮށް، އެހިދުމަތްތައް ފޯރުކޮށްދީ ނިންމުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން، ކޮޅުފުށީގެ ރައްޔިތުންނަށް ވަނީ ދެއްވާފައެވެ.
މީގެއިތުރު 100 ހައުސިންގް ޔުނިޓް ތަރައްގީކުރުމުގެ މަޝްރޫއެއް، 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށް ގެންގޮސްދެއްވާނެ ކަމަށާ، އަމިއްލަ ގޯތީގައި ހައުސިންގް ޔުނިޓް އަޅަން ބޭނުންވާ ފަރާތްތަކަށް މި މަޝްރޫއުގެ ތެރެއިން ފުރުސަތު ފަހިވެގެންދާނެކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މިސަރުކާރުން ތަރައްގީކުރާ ހައުސިންގް ޔުނިޓްތަކުގެ ކުލިވެސް ކުޑަކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށްވެސް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން، ރައީސް ވަނީ ކޮޅުފުށީގެ ރައްޔިތުންނަށް ދެއްވާފައެވެ. މީގެއިތުރުން ރަށުގެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމުގެ ގޮތުން، ހެލްތު ރޫމާއި، ލައިބްރަރީ އަދި އިތުރު އެހެން ވަސީލަތްތައް ފުރިހަމަކުރެވިފައިވާ އިމާރާތެއްގެ މަސައްކަތް، 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށްގެންގޮސްދެއްވާނެ ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މި މަޝްވަރާ ބައްދަލުކުރެއްވުމުގައި ރަށުގެ ރައްޔިތުން ހިއްސާކުރެއްވި ކަންތައްތަކުގެ ތެރޭގައި، ފަތުރުވެރިކަން ތަރައްގީކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައި އެމަސައްކަތްތައް ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމުގެ ސަބަބުން އެކަށީގެންވާ ފައިދާއެއް ނުލިބުމާއި، ރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަމާއި، އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭނެ ވަކިވަކި ދަނޑުތައް ރަށުގައި ތަރައްގީކުރެވިފައި ނެތުމުގެ ކަންބޮޑުވުން ހިމެނެއެވެ.
މީގެ އިތުރުން، ރަށުގައި ތިބެގެން މަތީ ތައުލީމު ހާސިލުކުރުމުގައި ގޮންޖެހުންތަކެއް ހުރިކަމާއި، ރަށުގައި ތިބެގެން ނުވަތަ ރަށާ ކައިރި ހިސާބުތަކުން އެކަށީގެންވާ ގޮތުގައި ސިއްހީ ހިދުމަތް ހޯދުމުގައި ހުރި ދަތިކަމުގެ ވާހަކަވެސް ރައްޔިތުން ވަނީ މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސްއާ ހިއްސާކުރައްވާފައެވެ.
ރައްޔިތުންގެ ޝުއޫރާއި ކަންބޮޑުވުންތައް އަޑުއައްސަވާ، އެކަމުގައި ސަރުކާރުން ގެންގުޅުއްވާ އުސޫލުތަކާއި، މިހާރު ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އަދާހަމަ، ރައީސް ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، ރަށުގެ ފުޓުބޯޅަދަނޑުގެ އަމަލީ މަސައްކަތާއި ހޭންޑްބޯލް ކޯޓެއްގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ރަށުގައި ތިބެގެން މަތީ ތައުލީމު ހާސިލުކުރުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯއްދެވުމުގެ ކަންކަން މިހާރުވެސް ކުރިއަށްދާކަމަށާ، އެކަމުގެ ތަފްސީލުތައް ހިއްސާކުރައްވަމުން ގެންދަވާނެކަމުގައި ރައީސް ވިދާޅުވިއެވެ.