ކަފިހިހުރަސްމަތިން މަގުހުރަސްކުރި މީހެއްގެ ގައިގައި ކާރުން ޖެހި އެކްސިޑެންޓުވުމުން ކާރު މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓުގެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭ 9:30 ހާއިރުކަމަށެވެ.
ހުޅުމާލެ ފޭސް ދޭއްގެ ހިތިގަސްމަގު، އެމްއޭސީއެލް ޓަވަރު ކައިރިން މަގު ހުރަސްކުރި 63 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ކާރުންޖެހި އެ މީހާ ވެއްޓުމުން ކާރު ވަނީ މަޑުނުކޮށް އެ ސަރަހައްދުން ގޮސްފައެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހާގެ އެއްފައިގެ ކަށިމަތި ވަނީ ބިންދައިގެން ގޮސްފައެވެ. އެ މީހާއަށް ފަރުވާދެމުންދަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ.
މި މައްސަލައާ ގުޅިގެން، ސީސީޓީވީ ފުޓޭޖު ބަލައި އެ ކާރު ހޯދައި ކާރު ދުއްވި މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
ކާރު ދުއްވީ، ޏ. ފުވައްމުލައް / ދަޑިމަގު. ނައިސް، ޚާލިދު ޢަބްދުﷲ ޢަލީ (57އ)އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މިމަހުގެ 22 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.