މާލެއާއި ވިލިމާލޭގައި ހިންގާ ކާބޯތަކެތި ހަދާ ތަންތަން އިންސްޕެކްޓްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ފަށައިފިއެވެ.
މިއީ، މާލެ ސިޓީ ކައުންސިލާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގުޅިގެން ކުރިޔަށްގެންދާ އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަންގައި އިންސްޕެކްޓްކުރާނީ ސައި ހޮޓާތަކާއި، ކެފޭތަކާއި ރެސްޓޯރެންޓްތަކާއި، ޓޭކްއަވޭ ތަންތަނުގެ އިތުރުން، ކާބޯތަކެތީގެ ހިދުމަތް ދިނުމަށް އެމްއެފްޑީއޭ އިން ހުއްދަ ދީފައިވާ އެހެނިހެން ތަންތަނާއި، އެމްއެފްޑީއޭގެ ހުއްދަ ނުނަގައި ގަވާއިދާ ހިލާފަށް، ކާބޯތަކެތީގެ ހިދުމަތް ދޭ ތަންނަނެވެ.
މި އޮޕަރޭޝަންގެ ތެރެއިން އެމްއެފްޑީއޭގެ ހުއްދަ ނުނަގައި، ގަވާއިދައި ހިލާފަށް، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި، ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ހަދައި ހިދުމަތްދޭ ތަންތަނަށް ނޯޓިސް ދީ، ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން، މިހާތަނަށް މި އޮޕަރޭޝަންގައި 25 ތަނެއް ވަނީ ބަންދުކޮށްފައެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މި ހިނގާ ސެޕްޓެމްބަރ މަހުގެ 21 އިން 25 އަށެވެ. އަދި މި އޮޕަރޭޝަނުގައި ބަލަންޖެހޭ ގިނަ ތަންތަން ހުރުމާއެކު، މި މުއްދަތު އިތުރު ކުރުމަށްވެސް ވަނީ ނިންމައިފައެވެ.
މާލޭ، ހަ ނެއިބަރހުޑަކަށް ބަހާލައިގެން މި އޮޕަރޭޝަން ކުރިއަށް ގެންދާއިރު، ކޮންމެ ނެއިބަރހުޑެއްގައި، މާލެ ސިޓީ ކައުންސިލާއި އެމްއެފްޑީއޭ ގެ ޖޮއިންޓް ޓީމެއް ދަނީ ހަރަކާތްތެރި ވަމުންނެވެ.
މާލޭގައި ކާބޯތަކެތި ހަދާ ތަންތަން އިންސްޕެކްޓްކޮށް ނިންމުމުން ވިލިމާލޭގައި ހުރި ތަންތަން އިންސްޕެކްޓު ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.