މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން، ހާލަތާ ގުޅޭގޮތަށް ބަދަލުވުމަކީ ގައުމީ ބުރައެއް ނޫން ކަމަށާއި، އެއީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ތާރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ތާރިގް މިހެން ވިދާޅުވީ، ‘ކޮޕް30’ގެ ކުރިން ބޭއްވި “މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހާލަތާ ގުޅޭގޮތަށް ބަދަލުވުމާ ބެހޭ މަތީ ފެންވަރުގެ މަޝްވަރާ ބައްދަލުވުން: އެޑެޕްޓޭޝަންގެ ތަންފީޒުކުރުމާއި އިންވެސްޓްމަންޓް އަވަސްކުރުން” ބައްދަލުވުމުގައެވެ.
މިނިސްޓަރު ތާރިގް ވިދާޅުވީ، “އެޑެޕްޓޭޝަން” ނުވަތަ ހާލަތާ ގުޅޭގޮތަށް ބަދަލުވުމަކީ ގައުމީ ބުރައެއް ނޫން ކަމަށާއި، އެއީ ބައިނަލްއަގުވާމީ ގޮންޖެހުމެއް ކަމުގައެވެ. ރާއްޖެ ފަދަ ގައުމުތަކަށް މިކަމުގެ ހައްލުތައް އޮތީ ހަމައެކަނި އަމިއްލަ ސަރަހައްދުތަކުގައި ނޫން ކަމަށާއި، އެއީ ދުނިޔޭގެ ނިޒާމެއްގެ ތެރެއިން ހައްލުކުރަންޖެހޭ ކަމެއް ކަމުގައި ތާރިގް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެނިޒާމަކީ މިކަމުގެ މުހިންމުކަމާއި، ފުޅާ ދާއިރާއާއި، ހަމަހަމަކަން ބަލައިގަންނަ ނިޒާމެއްކަމަށެވެ. އެގޮތުން، އެއްވެސް ފަރާތެއް ބާކީ ނުކޮށް ހުރިހާ އެންމެނަށް ހަމަހަމަ ގޮތެއްގައި މި ގޮންޖެހުންތަކުން އަރައިގަނެވޭނެ މަގެއް ފަހިކުރުމަށް މިނިސްޓްރު ތާރިގް ވަނީ ގޮވާލައްވާފައެވެ.
މި ބައްދަލުވުމުގެ ބޭނުމަކީ، “ކޮޕް30″ގެ ކުރިން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހާލަތާ ގުޅޭގޮތަށް ބަދަލުވުމުގެ މަސައްކަތްތައް އަވަސްކުރުމާއި، މިކަމަށް ބޭނުންވާ މާލީ އެހީތެރިކަން އިތުރުކުރުމެވެ. ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ރަށްވެހި ގައުމުތަކަށް ކުރިމަތިވާ ނުރައްކާތަކުގެ މައްޗަށް މިނިސްޓަރުގެ ވާހަކަފުޅުގައި އަލިއަޅުވާލާފައިވެއެވެ.
މިފަދަ ގައުމުތަކަށް އެކަނި މި ގޮންޖެހުންތަކާ ކުރިމަތިލެވޭނެ ގޮތެއް ނޯންނާނެ ކަމަށާއި، ބައިނަލްއަގުވާމީ އެހީތެރިކަމާއި އެއްބާރުލުން ވަރަށް މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.