މުލީގައި އެޅުމަށް ހަމަޖެހިފައިވާ 300 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.
އެމަނިކުފާނު މިކަމުގެ ޔަގީންކަންދެއްވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މުލަކަތޮޅު މުލީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މުލީގައި އެޅުމަށް ނިންމާފައިވާ 300 ހައުސިންގ މަޝްރޫއު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ދެފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން، އަންނަ އަހަރުގެ ފެބުރުއަރީ މަހު 150 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް ފަށާނެކަމަށާއި، ސެޕްޓްމެމްބަރު މަހުގެ ތެރޭގައި ބާކީ 150 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް ފަށާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ، ސަރުކާރުން ގެދޮރު އެޅުމަށް މިއަހަރު ދޫކުރުމަށް ނިންމާފައިވާ ލޯނަށް އެދި ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުތުހަމަވާ ފަރާތްތަކަށް ވަރަށް އަވަހަށް ލޯނުދޫކުރަން ފަށާނެކަން ހާމަކުރައްވާފައެވެ. އަދި އަންނަ އަހަރު ގެދޮރުއެޅުމަށް ދޫކުރާ ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު، ހުޅުވާލަން ނިންމަވާފައިވާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
މުލީގެ ކުރިއެރުމާ ތަރައްގީއާ ގުޅުންހުރި، މިހާރު ކުރިއަށްދާ އަދި ކުރިއަށް ހުރި މަޝްރޫއުތައްވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން މުލީ އެއާޕޯޓަށް ރޭގަނޑު ފްލައިޓް ޖެއްސޭގޮތް ހެދުމަށް ކުރަމުންދާ މަސައްކަތް ނިމި މިއަހަރުގެ އޮކްޓޯބަރު މަހު، މުލީ އެއާޕޯޓަށް ރޭގަނޑު ފްލައިޓް ޖައްސަން ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރަށުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް އިތުރު ޖެންސެޓެއް ގެނެސް މިއަހަރުގެ ނިޔަލަށް އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގެ ތަރައްގީގެ މަސައްކަތްތައްވެސް، ކުރިއަށް އޮތް ދުވަސްތަކުގައި، އަމަލީ މަސައްކަތްފެށި ނިމެމުންދާ މަންޒަރު ފެންނާނެ ކަމުގެ ޔަގީންކަން، ރައީސް ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.