މުލަކަތޮޅު މުލީ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މުއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ.
މި މަޝްރޫއުގެ ދަށުން، 363 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 180 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމާއި، 130 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމާއި، ރިވެޓްމަންޓް ބެކްފިލްކުރުމުގެ އިތުރުން ގޮނޑުދޮށް ވެލިން މުއްސަނދިކުރުން ހިމެނެއެވެ. 250 ދުވަސްތެރޭ ނިންމާގޮތަށް ހަވާލުކުރި މި މަޝްރޫއުއަކީ 35.7 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.
މި މަޝްރޫއުގެ އިތުރުން، މި ޖަލްސާގައި ވަނީ، ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ އެންމެހައި އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން، ލީގައި ޕާސްޕޯޓުގެ ޚިދުމަތްވެސް ފަށާފައެވެ.
މީގެއިތުރުން މުލީގައި ވެމްކޯގެ ހިދުމަތް ފެށުމަށްވެސް ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލެވެ. އަދި މުލީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޝަމްއޫން ރަމީޒެވެ.
މުލީ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ނިމޭއިރު ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.