ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގައި ޕީއޯއެސް ޓަރމިނަލްތަކުން ފައިސާ ދެއްކޭ އަދަދު 1000 ޑޮލަރަށް ބޮޑުކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މ މުލީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ ދުވަސްކަމަށްވާ، ނޮވެމްބަރު 11 ވަނަ ދުވަހުން ފެށިގެން އެބޭންކުގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ ޕީއޯއެސް ޓާމިނަލްތަކުން ފައިސާދެއްކޭ އަދަދު 1000 ޑޮލަރަށް އިތުރުކުރަން ނިންމާފައިވާކަމަށެވެ.
މީގެއިތުރުން އެއާލައިންތަކުން ޓިކެޓްގަތުމާއި، ރާއްޖެއިން ބޭރުން ހޮޓާތަކަށް ފައިސާދެއްކޭ އަދަދު 3000 ޑޮލަރަށް އިތުރުކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ފަރާތްތަކަށް، ބޭންކުގައި އެދުމުން އެ ފައިސާ ހޮސްޕިޓަލްތަކަށް ޑެބިޓްކާޑް މެދުވެރިކޮށް، ދެއްކޭނެ އިންތިޒާމް ހަޖެހިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޗައިނާ ފައިސާ، ޔޫއާންއިން އެކައުންޓް ހުޅުވޭނެ އިންތިޒާމް ބީއެމްއެލްއިން ހަމަޖެއްސިކަން ފާހަގަކުރައްވައި، ރައީސް ވަނީ އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޗައިނާގެ ފައިސާގެ އެކައުންޓްތަކަށް ހާއްސަ، އަދި 180 އަށް ވުރެ ގިނަ ގައުމުގައި ބޭނުންކުރެވޭ ކާޑެއްކަމަށްވާ، ޔޫނިއަން ޕޭ ގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ތައާރަފުކުރެވިގެންދާނެ ކަންވެސް އިއުލާންކުރައްވާފައެވެ.
މިކަންކަމުގެ ސަބަބުން އަގުބޮޑުކޮށް ޑޮލަރުގަތުމުގެ މައްސަލައަށް ހައްލުލިބި، ރާއްޖޭގެ އިގްތިސާދަށް އެކަމުގެ ހެޔޮ ނަތީޖާ ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.