“މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028′ – ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޯމޭޝަން” މަގުޗާޓުގައިވާ ކަންކަން އުސޫލުތަކުގެ ތެރެއިން ތަންފީޒުކުރުމަށް އުފެއްދި ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލަށް ނުވަ މެމްބަރަކު އައްޔަންކުރައްވައިފިއެވެ.
ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ކައުންސިލުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
1- މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، އަލީ އިހްސާން
2- މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، މޫސާ ޒަމީރު
3- މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޑޮކްޓަރ އިސްމާއީލް ޝަފީއު
4- މިނިސްޓަރ އޮފް ހެލްތް، އަބްދުﷲ ނާޒިމް އިބްރާހީމް
5- މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފު އުމަރު
6- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް، އަބްދުالله ފަޔާޟް
7- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޑރ މުހައްމަދު ކިނާނަތު
8- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސްޓްރެޓީޖިސްޓް، ސިޔާހް ޚަލީލް
9- ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ، ސައީދާ އުމަރު
“މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028′ – ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޯމޭޝަން” މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ފަހިކޮށްދީ ލަފާދިނުމާއި، އެ މަސައްކަތްތައް ބެލެހެއްޓުމުގެ އެންމެ އިސް މަޖިލީހެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލެވެ.
މޯލްޑިވްސް 2.0 އަކީ، ޑިޖިޓަލް ދާއިރާއިން، ދިވެހިރާއްޖެއަށް އިންގިލާބީ އަދި އިސްލާހީ ބަދަލުތަކެއް ގެނައުމުގެ މަގްސަދުގައި، ރައީސްގެ ހާއްސަ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ ޕުރޮގުރާމެކެވެ.
މި ބަދަލުތަކުގެ ތެރެއިން ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަކީ ދެފުށްފެންނަ، ހަލުވި އަދި ރައްކާތެރި ހިދުމަތްތަކަކަށް ހަދައި، ދައުލަތުގެ ހިދުމަތްތަކާއި މުއައްސަސާތަކުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރެވިގެންދާނެކަަށް ސަރުކާރުން ބުނެއެވެ.